އަންނަ މަހު އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯގައި އޮންނަ ވޯލްޑް ކަޕް މެޗުތަކަށް ވިއްކާ ޓިކެޓްތައް އިންތިހާއަށް އަގުބޮޑުވެ، ސަޕޯޓަރުންނަށް ނުކަތާ ވަރަށް ގޮސްފައިވާ ކަމަށް ބުނެ އެތައް ބަޔަކު ފާޑު ކިޔަމުންދާ އިރު، އެކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރައްދު ދެއްވާ، ވާހަކަ ދައްކަވައިފިއެވެ.
ފީފާއިން މިފަހަރުގެ ވޯލްޑް ކަޕަށް ޓިކެޓް ވިއްކަން ނިންމާފައި ވަނީ އެ އިދާރާއިން ކްލަބު ވޯލްޑް ކަޕަށްވެސް ގެންގުޅުނު "ޑައިނަމިކް ޕްރައިސިން" ގައެވެ. އެއީ ޑިމާންޑަށް ބަލައި އަގުތައް އެޖެސްޓް ކުރާ ސިސްޓަމެކެވެ. އެ ސިސްޓަމަށް އެކިއެކި ފޭސްތަކަށް ބަހާލައިގެން ފީފާއިން ޓިކެޓް ވިއްކާފައިވާ އިރު، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޓިކެޓް އަގުބޮޑުވެގެން އެތައް ފަރާތްތަކަކުން ވަނީ ފާޑު ކިޔައިފައެވެ.
އެގޮތުން ފުޓްބޯލް ސަޕޯޓާސް ޔޫރަޕް (އެފްއެސްއީ) އިން ވަނީ ސަޕޯޓަރުންނަށް ފީފާއިން ޖެއްސުން ކުރާ ކަމަށާއި، އުތުރު އެމެރިކާ ގައުމުތަކުގެ ބިޑްގައި ހިމަނާފައިވާ އަގުތަކުން ބޭރުން ޓިކެޓް ވިއްކާ ކަމަށް ބުނެ ޝަކުވާ ކޮށްފައެވެ. އެފްއެސްއީން ބުނެފައި ވަނީ އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯއިން ކުރި ބިޑުގައި ޓިކެޓް ވިއްކަން ހިމަނާފައި ވަނީ 21 ޑޮލަރަށްވެސް ޓިކެޓް ވިއްކާނެ ގޮތަކަށް ކަމަށެވެ. އެހެން ނަމަވެސް އެންމެ އަގުހެޔޮކޮށް ވިއްކި މަދު ޓިކެޓްތައްވެސް ވިއްކީ 60 ޑޮލަރަށް ކަމަށް އެފްއެސްއީން ބުނެފައިވެއެވެ.
ފީފާއިން އެންމެ ފަހުވަގުތު، ކުއްލިއަކަށް މިދިޔަ މަހުވެސް ޓިކެޓް ވިއްކަން ފަހު ފުރުސަތެއް ހުޅުވާލިއެވެ. ހަބަރުތައް ބުނީ އެގޮތަށް ފީފާއިން ފުރުސަތު ހުޅުވާލީ ޓިކެޓްތައް ރަނގަޅަށް ނުވިކޭތީ ކަމަށެވެ. އަދި ފައިނަލް މެޗެއްގެ ޓިކެޓް 11،000 ޑޮލަރަށް އެ ބުރުގައި އަރައިގެން ގޮސްފައިވެއެވެ. އޭގެ އިތުރުން ޓިކެޓް ރި ސޭލްގައި ދެ މިލިއަން ޑޮލަރަށްވެސް މީހުން ޓިކެޓް ވިއްކަން ޖަހާފައިވެއެވެ. އެއީ ފީފާ މާކެޓް ޕްލޭސްގައެވެ. އެންމެފަހުން ގަތަރުގައި 2022 ވަނަ އަހަރު ނިމިދިޔަ ވޯލްޑް ކަޕްގެ ފައިނަލަށް އެންމެ އަގުބޮޑުކޮށް ވިއްކި ޓިކެޓްގެ އަގަކީ 1600 ޑޮލަރެވެ.
އިންފަންޓީނޯ ވިދާޅުވީ ޓިކެޓް އަގުތަކަށް އެ އަންނަ ބަދަލުތަކަކީ އެމެރިކާގެ މުނިފޫހިފިލުވުމުގެ މާކެޓާއެކު އަންނަ ބަދަލު ކަމަށާއި، އެމެރިކާގެ ގާނޫނުތަކުން ޓިކެޓް ރި ސޭލްއަށް އޮންނަ ހުއްދައަކުން ބައެއް ޓިކެޓްތައް ވަކިން އަގު އެރިއަސް އެއީ ޖުމުލަކޮށް އަގުބޮޑުވުން ނޫން ކަމަށެވެ.
"އަހަރެމެން ޖެހޭ އެމެރިކާގެ މާކެޓަށް ބަލަން. މިއީ ދުނިޔޭގެ މުނިފޫހިފިލުވުމުގެ މައިގަނޑު ހަބް. މިތަނަށް މިއައީ ދުނިޔޭގެ އެންމެ ބޮޑު ޑިމާންޑް ބޮޑު އިވެންޓް. އެހެންވީމަ އަންނާނެ ޓިކެޓްގެ އަގު އުފުލުމުގެ ކޮންމެވެސް ކަމެއް. ދެން ބަލާލަން ޖެހޭ އެމެރިކާގެ ގާނޫނަށް. ގާނޫނުގައި އެބައޮވޭ ޓިކެޓް ރި ސޭލް ކުރެވޭނެ ޖާގަ. އެހެންވީމަ އެހާ އަގު ހެޔޮކޮށް ޓިކެޓް ވިއްކާނަމަ ބްލެކް މާކެޓެއް އުފެދޭނެ. އަދި ދެ މިލިއަން ޑޮލަރަށް، ރަނގަޅު ގޮތުގައި ރި ސޭލަށް ޓިކެޓް ހުއްޓަސް އެއީ އަސްލު އަގެއް ނޫން. އެ އަދި މީހަކު ގަންނާކަށް ނުވެސް ޖެހޭ. އެ ގަންނަ މީހަކު ވާނީ ހާއްސަ މީހަކަށް. އެމީހަކަށް އަހަރެން ޕާސަނަލީ ބައްދަލުވެސް ކުރާނަން،" އިންފަންޓީނޯ ވިދާޅުވެފައިވެއެވެ.
އިންފަންޓީނޯ ވިދާޅުވީ ފީފާ ވޯލްޑް ކަޕް 2018، 2022 އަށް ޖުމުލަ ލިބުނީ 50 މިލިއަން ޓިކެޓް ރިކުއެސްޓް ކަމަށާއި، މިފަހަރު އެއްފަހަރާ 500 މިލިއަން ރިކުއެސްޓް ލިބުނު ކަމަށެވެ. އޭގެ އިތުރުން އޭނާ ފާހަގަކުރީ ޓިކެޓްގެ 25 ޕަސެންޓް ވިއްކަމުން ދަނީ 300 ޑޮލަރަށްވުރެ ދަށް އަގެއްގައި ކަމަށާއި، އެއީ އެމެރިކާގެ ކޮލެޖް މުބާރާތްތަކަށް ޓިކެޓް ވިއްކާ އަގު ކަމަށެވެ.
އިންފަންޓީނޯ އެކަހަލަ މޭރުމަކުން ވާހަކަ ދެއްކެވި ނަމަވެސް، އެއީ ހަގީގީ މަންޒަރު ނޫން ކަމަށް އަދިވެސް ސަޕޯޓަރުން ގްރޫޕްތަކުން ދަނީ ފާހަގަކުރަމުންނެވެ. އެގޮތުން މިފަހަރުގެ ވޯލްޑް ކަޕަށް ދަތުރުކުރުމުގައި ހުރި ދަތިތައްވެސް އެ ގްރޫޕްތަކުން ފާހަގަކޮށްފައިވެއެވެ. ހާއްސަކޮށް އެމެރިކާގެ އެތެރޭ އުދުހުންތަކުގެ އަގުވެސް ވޯލްޑް ކަޕާ ދިމާކޮށް އުފުލެމުންދާ ދިޔުން ފާހަގަކޮށްފައިވެއެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026