އެމްޑީޕީ އަލުން ރާވާލައި، ޕާޓީގެ އެތެރޭގެ ސިއްރުތައް ބޭރުވުން ނުވަތަ "ލީކުތައް" ބައްދާލާނެކަމަށް، އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

"އިތުބާރު" ކެމްޕެއިންގެ ފަރާތުން "އެމްޑީޕީގެ ބަދަހިކަމަށް" ނަމުގައި މިރޭ މައްޗަންގޮޅި ބާޖަމާލުއްދީން ކަންމަތީގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ ޕާޓީ ރޫޅާލިފަހުން ޕާޓީ ތެރެއިން މައުލޫމާތުތައް "ލީކުވަމުންދާ" ކަމަށް އާންމު މެންބަރުންނަށް ގަބޫލުކުރަމުންދާ ކަމަށެވެ.

"އަޅުގަނޑު މި އިންތިހާބަށް ނުކުމެ މިހިރީ މި ޕާޓީ ރާވާލަދޭން، ރާވާލާނަން، ރާވާލާނަން، ބޮޑުކޮށް ބޮޑުކޮށް ރާވާލާނަން. މި ޕާޓީ ރާވާލަދޭނަން" މީކާއިލް ވިދާޅުވިއެވެ.

ޕާޓީގެ އެތެރޭގެ އިންތިހާބުތަކާ ގުޅުވައިގެން ކޯޓުތަކަށް މައްސަލަ ހުށަހެޅުމާ ދެކޮޅަށް މީކާއީލް ވަނީ މިރޭވެސް ވާހަކަދައްކައިފައެވެ. އޭނާ ވިދާޅުވީ ޗެއާޕާސަންކަމަށް ނުކުމެ ހުންނެވީ އެހެން މަގާމަކަށް ދިއުމުގެ ހަރުފަތެއްގެ ގޮތުގައި އެ މަގާމު ބޭނުންކުރަން ނޫން ކަމަށެވެ.

އޭނާ ބޭނުންވަނީ ގައުމީ މަޖިލީހުން އައްޔަންކުރާ ވަގުތީ ޗެއާޕާސަނަކަށްވުމުގެ ބަދަލުގައި، 16 އަހަރު ވަންދެން އޭނާއާއެކު މަސައްކަތްކުރި އާންމު މެންބަރުންގެ ސީދާ ވޯޓުން އިންތިހާބު ކާމިޔާބުކުރުންކަމަށް މީކާއިލް ވިދާޅުވިއެވެ.

ޕާޓީގެ އާންމު މެންބަރުންގެ އިތުބާރާއެކު ނޫނީ ޕާޓީއަށް ކުރިއެރުމެއް ނެތްކަމަށް މީކާއިލް ވިދާޅުވިއެވެ.