ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުގެ ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ނިންމާފައިވާ ބަންގްލަދޭޝްއިން، އެ މުބާރާތަށް ފޮނުވާނީ ސީނިއާ ޓީމެއް ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފިއެވެ.

އަންނަ މަހު މާލޭގައި ބާއްވާ ޑައިމަންޑް ޖުބިލީ މުބާރާތުގައި ވާދަކުރާ ޓީމުތައް މިހާރު ޔަގީންވެފައިވާ އިރު، ރާއްޖޭގެ އިތުރުން ދެން މުބާރާތުގައި ވާދަކުރަނީ ބަންގްލަދޭޝް، ޕާކިސްތާނުގެ އިތުރުން އަފްގާނިސްތާނެވެ. އޭގެ ތެރެއިން ބަންގްލަދޭޝްއިން މުބާރާތަށް އަންނާނީ އެގައުމުގެ އޮލިމްޕިކް ޓީމު ކަމަށް ކުރިން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން 23 އަހަރުން ދަށުގެ ޓީމާއެކު ބައެއް ސީނިއާ ކުޅުންތެރިންވެސް ސްކޮޑުގައި ހިމެނޭނެ ކަމަށް އޭރު ބުނެފައިވެއެވެ.

ޒުވާން ޓީމެއް ފޮނުވުމަށް ކުރިން ނިންމާފައި އޮތް ނަމަވެސް، އޮފިޝަލުންނާ ހަވާލާ ދީ އެގައުމުގެ ނޫސްތަކުން ބުނެފައި ވަނީ ޑައިމަންޑް ޖުބިލީ މުބާރާތަށްވެސް މިހާރު ދާނީ ސީނިއާ ޓީމެއް ކަމަށެވެ.

ބަންގްލަދޭޝްއިން އެކަމުގައި ދެ ވިސްނުމެއް ގެންގުޅެފައި ވަނީ އެގައުމުން ޔޫރަޕްގައި ކުޅޭ ފުރަތަމަ މެޗުގައި ޖޫން ފަސްވަނަ ދުވަހު ސަން މެރީނޯއާ ދެކޮޅަށް ނުކުންނަން ނިންމާފައިވާތީއެވެ. ކުރިން ވިސްނީ އެމެޗަށް ސީނިއާ ޓީމު ފޮނުވުމަށްފަހު، ރާއްޖެއަށް ޒުވާން ޓީމެއް ފޮނުވާށެވެ.

ރާއްޖޭގެ މުބާރާތްވެސް ފީފާ ވިންޑޯއަށް ރާވާފައިވާ އިރު، މެޗުތައް ވެގެންދާނީ ފީފާ އެއްވަނަ ޓަޔާގެ އެކުވެރިކަމުގެ މެޗުތަކަށެވެ. މެޗުތަކުން ފީފާ ރޭންކިންނަށް ބޮޑު އަސަރެއް ކުރާނެއެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ ޑެއިލީ ސަންއިން، ޓީމު މެނޭޖުމަންޓްގެ ސަހާދަތު ހުސައިނާ ހަވާލާ ދީ ބުނީ ބަންގްލަދޭޝްގެ ޑޮމެސްޓިކް ލީގު ވަރުގަދަވުމުން ގައުމީ ޓީމަށް ބޮޑު ސްކޮޑެއް ނަގަން ފުރުސަތު ފަހިވެފައިވާ ކަމަށެވެ. އެހެންކަމުން ޑައިމަންޑް ޖުބިލީ މުބާރާތާއި ސަން މަރީނޯ މެޗަށްވެސް ސީނިއާ ޓީމެއް ފޮނުވަން، ގައުމީ ސްކޮޑު ދެ ބަޔަކަށް ބަހާލަން ނިންމާފައިވާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ބަންގަލަދޭޝް ފުޓުބޯޅަ ޓީމުގެ މީޑީއާ ކޮމިޓީއާ ހަވާލުވެ ހުރި އަމީރުލް އިސްލާމް ބާބޫ ބުނެފައި ވަނީ ދެ ޓީމުގެ ފެންވަރުވެސް އެއްވަރުވާނެ ކަމަށާއި، ދެޓީމުގައިވެސް ތަރިން ހިމެނޭނެ ކަމަށެވެ. އެހެން ނަމަވެސް އެގައުމު ފުޓުބޯޅައިގައި މިވަގުތު ހުރި އެންމެ މަގުބޫލު އެއް ކުޅުންތެރިޔާ ހަމްޒާ ޗޯދުރީ ދަނީ ޔޫރަޕްގެ މެޗަށް ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.

ބަންގްލަދޭޝްގެ ގައުމީ ޓީމުން މިމަހު 24 ވަނަ ދުވަހު ކޭމްޕް ކުރަން ނިންމާފައިވާ އިރު، ރާއްޖޭން މިހާރު ދަނީ ޑައިމަންޑް ޖުބިލީ މުބާރާތަށް ތައްޔާރުވަމުންނެވެ.