އިނގިރޭސި ޕްރިމިއާ ލީގުގެ ތަށްޓަށް ވާދަކުރަމުންދާ މެންޗެސްޓާ ސިޓީން ރޭ ލީގުގައި ކުޅުނު މެޗުގައި އެވަޓަން ކައިރިން އެއްވަރު ވެއްޖެއެވެ.
ރޭ އެވަޓަންގެ ދަނޑުގައި ސިޓީ އެއްވަރުވީ 3-3 އިންނެވެ. އެ މެޗުގެ ނަތީޖާއަކީ ލީގު ރޭހުގައި އާސެނަލަށް ބޮޑު އުންމީދެއް ގެނެސްދޭނެ ނަތީޖާއެކެވެ. ސިޓީއާއި އާސެނަލުން ލީގަށް ވާދަކުރަމުންދާ އިރު، ލީގު ރޭހުގައި ސިޓީން ކޮންޓްރޯލް ނެގީ މިދިޔަ މަސް ތެރޭގައެވެ. އެއީ އާސެނަލް އަތުން މުހިއްމު ޕޮއިންޓްތަކެއް ގެއްލުމާއެކުގައެވެ. އޭގެ ތެރޭގައި ސިޓީއާއި އާސެނަލް ވާދަކުރި މެޗުވެސް ހިމެނެއެވެ. އެމެޗުން މޮޅުވީ ސިޓީއެވެ.
މިހާރު ތާވަލު އޮތް ގޮތަށް ބަލާއިރު، އެތައް އަހަރެއް ފަހުން ފުރަތަމަ ފަހަރަށް ލީގު ހޯދަން މަސައްކަތް ކުރަމުންދާ އާސެނަލް އެއްވަނައިގައި އޮތީ 35 މެޗުން 76 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ސިޓީއަށް 34 މެޗުން 71 ޕޮއިންޓް ލިބިފައިވާ އިރު، ދެޓީމުގެ ފަރަގަކީ ފަސް ޕޮއިންޓެވެ. އާސެނަލަށް ލީގުގައި ބާކީ އޮތީ ތިން މެޗެވެ. ސިޓީއަށް ހަތަރު މެޗު އެބައޮތެވެ.
ފުރަތަމަ ކޮޅުން ފެށިގެންވެސް ސިޓީއަށް ވަނީ އެވަޓަންގެ ޑިފެންސް ހުޅުވާލަން އުނދަގޫތަކަކާ ކުރިމަތިވެފައެވެ. މޮޅުވާން މަޖުބޫރުވެފައި އޮތް މެޗުގައި ސިޓީއަށް ފުރަތަމަ ހަމަޖެހުމެއް ލިބުނީ ހާފު ނިމެން ދަނިކޮށް ޖެރެމީ ޑޮކޫ ޖެހި ގޯލުންނެވެ. އަރިމަތިން އެތެރެއަށް ކަނޑާލުމަށްފަހު ޑޮކޫ އަމާޒުކޮށްލި ގޯލް އަމާޒުވީ ސީދާ ކަނަށެވެ.
ދެވަނަ ހާފަށް ނުކުމެ އެވަޓައިން ކުޅުން ރަނގަޅު ކޮށްފައިވާ އިރު، 68 ވަނަ މިނެޓުގައި ތިއޭނޯ ބަރީ ޖެހި ގޯލުން އެވަޓަން މެޗު އެއްވަރުކުރިއެވެ. އަދި ފަސް މިނެޓް ތެރޭގައި އެވަޓަންއިން ނަތީޖާ އަނބުރާވެސް ލިއެވެ. ދެވަނަ ގޯލް ޖެހީ ޖޭކް އޯބްރައިންއެވެ. އެއީ ޖޭމްސް ގާނާގެ ކޯނަރަކަށް އަރައި އޭނާ ކާމިޔާބުކުރި ގޯލެކެވެ.
އޭގެ އިރުކޮޅެއްފަހުން ބެރީ އިތުރު ގޯލެއް ޖެހިތަނާ، މާގިނައިރެއް ނުވެ، އާލިން ހާލަންޑް ސިޓީއަށް ފަރަގު ކުޑަކޮށްދިނެވެ. އެ ޕްރެޝަރާއެކު ސިޓީން ކުރި މަސައްކަތުގައި މެޗު އެއްވަރުވީ އެންމެ ފަހު މިނެޓުގައެވެ. އެއީވެސް ޑޮކޫ ޖަހައިދިން ހިތްގައިމު ގޯލެކެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު