ބުރު ސްޕޯޓްސް ކްލަބަށް ކުޅެމުންދިޔަ މިޑްފީލްޑަރު އަބްދުﷲ ޖުނައިދު (ޖޭއްނެ) އެ ކްލަބު ދޫކޮށް އޮޑި ސްޕޯޓްސް ކްލަބަށް ސޮއި ކޮށްފިއެވެ.

ޖޭއްނެ ކްލަބާ ގުޅުނުކަން އޮޑިން މިއަދު ވަނީ ޔަގީން ކޮށްދީފައެވެ. ނިމިދިޔަ ސީޒަނަކީ އޮޑިން ފުރަތަމަ ފަހަރަށް ރާއްޖޭގެ އެންމެ މަތީ ފަންތީގައި ކުޅުނު ސީޒަނެވެ. އެޓީމުން ފުރަތަމަ ސީޒަނުގައިވެސް ލީގުގެ ދެވަނަ ހޯދުމުގެ އިތުރުން ޕްރިޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފައިވެއެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އޮޑިން ޖޭއްނެ ގެެންގޮސްފައިވާ އިރު، ޖޭއްނެއަކީ ބުރަށް މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިއެވެ. މިދިޔަ ސީޒަނުގައި އޭނާ ރަނގަޅު ފޯމެއްގައި ކުރީކޮޅުގައި ކުޅެފައިވާ އިރު، ފަހުން ޖޭއްނެ ހުސްވީ ފުޓްސަލްއަށެވެ. އެގޮތުން އޭނާ ވަނީ ބުރުން ރިލީސް ހޯދައިގެން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ގައުމީ ޓީމަށް ގޮސްފައެވެ.

ރާއްޖޭން ސަރަހައްދީ ޓީމުތައް ބަލިކޮށް ސާފް ފުޓްސަލް ޗެމްޕިއަންކަން ހޯދިއިރު، އެޓީމުގައި ޖޭއްނެ މުހިއްމު ރޯލެއް އަދާކޮށްފައިވެއެވެ.

ފުޓުބޯޅައިގައިވެސް ފާހަގަކޮށްލެވޭ ޖޭއްނެއަކީ ލ. ގަމަށް އުފަން ކުޅުންތެެރިއެކެވެ. އޭނާ ފުރަތަމަ ވިދާލީ ތިންވަނަ ޑިވިޝަނުންނެވެ. އޭގެފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޒުވާން ޓީމާއި ސީނިއާ ޓީމަށްވެސް ކުޅެފައިވެއެވެ. އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އަށްވެސް ޖޭއްނެ ކުޅެފައިވާ އިރު، އޮޑިއަކީ އޭނާގެ ފަސްވަނަ ޓީމެވެ.