ސްރީ ލަންކާގެ އިގްތިސޯދީ ކުރިއެރުމުގައި ރާއްޖެއަކީ ބަދަހި އަދި މުހިންމު ބައިވެރިއެއްކަމަށް ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ މިއަދު ވިދާޅުވެއްޖެއެވެ.

ލަންކާގެ ރައީސްގެ ދައުވަތަކަށް އެ ގައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވެވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑިސަނަޔަކަ ވިދާޅުވީ ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ސިޔާސީ ގުޅުމަށް 60 އަހަރު ފުރުނު ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮތް ސަގާފީ އަދި ބަހަވީ ގުޅުމަކީ އެއަށްވުރެ މާ ޒަމާންވީ، ބަދަހި ގުޅުމެއް ކަމަށެވެ.

ލަންކާގެ ރައީސް ވިދާޅުވީ، ރާއްޖެއަކީ ލަންކާއިން ތިންވަނައަށް އެންމެ ގިނައިން މުދާ ބޭރުކުރާ ގައުމު ކަމަށެވެ. އެހެންކަމުން ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ޑައިވާސިފައިކޮށް ވަރުގަދަކުރުމަކީ ދެ ގައުމުގެ ތަސައްވުރުތައް ހާސިލުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށެވެ.

04 އެޕްރީލް 2026، ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ސްރީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

ލަންކާގެ ރައީސް ވަނީ ދާދިފަހުން އެ ގައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ރައީސް މުއިއްޒާއި ދިވެހި ސަރުކާރުން ފޯރުކޮށްދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. މިއީ ދިވެހިން ދެއްކި އަވަށްޓެރިކަމުގެ ނަމޫނާ މިސާލެއްކަމަށް ޑިސަނަޔަކަ ވިދާޅުވިއެވެ.

ރާއްޖެއާއި ލަންކާއާ ދެމެދު ސޮއިކުރި ހަތް އެއްބަސްވުންތަކުގެ ސަބަބުން އިގްތިސޯދީ ގުޅުން އާ އުސްމިނަކަށް ދާނެކަމަށް ލަންކާ ރައީސް ވިދާޅުވިއެވެ. އަދި ޖަޒީރާ ދެ ގައުމުގެ ހައިސިއްޔަތުން ބޯޓު ބަނުމުގެ ދާއިރާއިންނާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް ޑިސަނަޔަކަ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

04 އެޕްރީލް 2026، ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ސްރީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ކަނޑުގެ ސަރަހައްދުގައި ހިންގާ އައިރު ގާނޫނީ އަމަލުތައް ހުއްޓުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ލަންކާގެ ރައީސް ވިދާޅުވިއެވެ.

އަދި ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށްޓަކައި ދެ ގައުމުގައި ހުންނަ ހައިކޮމިޝަންތަކަށް ބިން ހަމަޖެއްސުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާކަންވެސް ލަންކާގެ ރައީސް ވިދާޅުވިއެވެ.