އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލް ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފުޓުބޯޅަ ޔަގީން ކޮށްފިއެވެ.

ލީގު ތާވަލުގެ ތިންވަނައިގައި އޮތް ޔުނައިޓެޑުން، ތާވަލުގެ ހަތަރު ވަނައިގައި އޮތް ލިވަޕޫލް ކައިރިން މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ޔުނައިޓެޑަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގައެއް ޔަގީންވެފައެވެ. އެއީ 35 މެޗުން 64 ޕޮއިންޓާއެކުގައެވެ. ލިވަޕޫލަށް 35 މެޗުން 58 ޕޮއިންޓް ލިބިފައިވާ އިރު، ޕްރިމިއާ ލީގުގެ ގަދަ ފަސް ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުން ޖާގަ ލިބޭނެއެވެ.

މިއަހަރު މޭ މަހު ޔުނައިޓެޑްގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލު މައިކަލް ކެރިކާއެކު އެޓީމުން ރަނގަޅު ފޯމެއްގައި ކުޅެމުންދާ އިރު، އޭނާ ހަވާލުވިފަހުން ކުޅުނު ޖުމުލަ 17 މެޗުގެ ތެރެއިން 12 މެޗުން މޮޅުވިއެވެ. ބަލިވީ އެންމެ ދެމެޗުންނެވެ. ކެރިކާއެކު ޔުނައިޓެޑް ވަނީ މެންޗެސްޓާ ސިޓީއާއި ލިވަޕޫލްގެ އިތުރުން އާސެނަލްވެސް ބަލިކޮށްފައެވެ.

ޔުނައިޓެޑުން 2023-24 ވަނަ އަހަރު ސީޒަނަށްފަހު ޗެމްޕިއަންސް ލީގަށް ދާން މިރޭގެ މެޗުން ޕޮއިންޓެއް ބޭނުންވެފައި އޮތްއިރު، ފެށީ ވަރުގަދަ ކޮށެވެ. ފުރަތަމަ ކޮޅުގައި ޔުނައިޓެޑުން ލިވަޕޫލް ހާސްވެސް ކޮށްލިއެވެ. އެ ޕްރެޝަރާއެކު ކުރީކޮޅުގައި ޔުނައިޓެޑުން ދެ ގޯލްވެސް ޖެހިއެވެ. ފުރަތަމަ ގޯލް، 14 ވަނަ މިނެޓުގައި މަތެއަސް ކޫންޏާ ޖަހައިދިން އިރު، އޭގެ އިރުކޮޅެއްފަހުން އަނެއް ގޯލް ޖެހީ ބެންޖަމިން ޝެސްކޯއެވެ. އެއީ ބްރޫނޯ ފެނާންޑޭޒްގެ ހުރަހަކުންނެވެ.

އިރުކޮޅެއްފަހުން ފެނާންޑޭޒަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އިރު، ދެވަނަ ހާފުގެ އޮއިވަރު ފެނުނީ ތަފާތު ކޮށެވެ. ހާފުގެ ފުރަތަމަ 10 ވަރަކަށް މިނެޓް ތެރޭގައި ލިވަޕޫލުން ވަނީ ދެ ގޯލް ޖަހައި މެޗު އެއްވަރު ކޮށްފައެވެ. ފުރަތަމަ ގޯލް ޑޮމިނިކް ޒޮބޮސްލާއީ ޖެހީ ތިރިތިރީން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. އަދި އޭގެ ނުވަ މިނެޓް ފަހުން ކޯޑީ ގަކްޕޯ ގޯލް ޖެހީ ޔުނައިޓެޑްގެ ކީޕަރު ސެނޭ ލަމެންސް ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

މެޗުގެ އެންމެ މުހިއްމު ގޯލް ޖަހައިިދިނީ މިހަފުތާ ތެރޭގައި އެއްބަސްވުން އާކުރި ޔުނައިޓެޑްގެ ޒުވާން ތަރި ކޯބީ މައުނޫއެވެ. އޭރިއާ ބޭރުން ލިބުނު ބޯޅަ އޭނާ އަމާޒުކޮށްލީ ކަނަށެވެ. މެޗަށް ނުކުމެ ހުރި ލިވަޕޫލްގެ ތިންވަނަ ކީޕަރު ފްރެޑީ ވުޑްމަން ހުރީ ހަރަކާތް ހުއްޓިފައެވެ. ވުޑްމަން މިރޭ ފުރަތަމަ 11 އަށް ނުކުތީ ލިވަޕޫލްގެ އަނެއް ދެ ކީޕަރުން ކަމަށްވާ އެލިސަން ބެކާއާއި ޔޯޖީ މާމަޑާޝްވިލީވެސް އަނިޔާގައި ތިބުމުންނެވެ.