އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން އާސެނަލުން މިރޭ ކުޅުނު މެޗުގައި ލިވަޕޫލް ކައިރިން މޮޅުވެއްޖެއެވެ.
ލިވަޕޫލްގެ އެންފީލްޑްގައި އާސެނަލުން 1-0 އިން މޮޅުވި އިރު، މިއީ މިދިޔަ 14 އަހަރު ތެރޭގައި ލީގު މެޗެއްގައި އާސެނަލުން ލިވަޕޫލް ދަނޑުގައި މޮޅުވި ފުރަތަމަ ފަހަރެވެ. މިރޭގެ ކުރިން އެންފީލްޑްގައި އާސެނަލުން ލީގު މޮޅެއް ހޯދާފައި އޮތީ 2012 ވަނަ އަހަރުއެވެ.
މިރޭގެ މެޗުން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި އޮތީ ނުވަ މެޗުން 24 ޕޮއިންޓާއެކުގައެވެ. ޖެހިޖެހިގެން ދެ މެޗުން ބަލިވެފައި އޮތް މެންޗެސްޓާ ސިޓީ ދެވަނައިގައި އޮތީ ނުވަ މެޗުން 21 ޕޮއިންޓާއެކުގައެވެ. ބްރައިޓަން ތިންވަނައިގައި ނުވަ މެޗުން 19 ޕޮއިންޓާއެކު އޮތް އިރު، ޗެލްސީ ހަތަރު ވަނައިގައި އޮތީ ނުވަ މެޗުން 16 ޕޮއިންޓާއެކުގައެވެ. ލިވަޕޫލް އޮތީ ފަސްވަނައިގައެވެ. އެއީ ނުވަ މެޗުން 15 ޕޮއިންޓާއެކުގައެވެ.
ފުރަތަމަ ކޮޅުގައި ބޮޑަށް ނުރައްކާކުރީ ލިވަޕޫލުންނެވެ. ފްލޯރިއަން ވާޓްސްގެ ހަމަލާއެއް ދަނޑިއަށް އަމާޒުވި އިރު، އެލެކްސިސް މެކް އަލިސްޓާއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވިއެވެ. އޭގެ ފަހުން މަޑުމަޑުން އާސެނަލުން ހަމައަކަށް އެޅި، 16 ވަނަ މިނެޓުގައި ލީޑު ނެގިއެވެ.
ޑެކްލަން ރައިސް ތަނަވަސްކޮށްދިން ފުރުސަތުގައި ގޯލް ޖަހައިދިނީ ކައި ހަވާޓްސްއެވެ. ހަވާޓްސްއަކީ މިހާރު ޕްރިމިއާ ލީގު ތާރީހުގައިވެސް އެންމެ ގިނަ ގޯލް ޖެހި ޖަރުމަނު ކުޅުންތެރިޔާއެވެ.
އޭގެފަހުން ފުރަތަމަ ހާފުގައި ލިވަޕޫލުން ވަނީ ގޯލެއް ޖެހުމާ ގާތަށް ޖެހިލައިފައެވެ. އެޓީމުން ޕެނަލްޓީއަކަށްވެސް ވަރަށް ބޮޑަށް ޝަކުވާކުރިއެވެ. އެއީ ޖޫރިއެން ޓިމްބާ، އެލެކްސެންޑާ އިސާކް ޖާޒީގައި ހިފެހެއްޓުމުންނެވެ. އޭގެފަހުންވެސް އެޒްރީ ކޮންސާގެ ބްލޮކެއްގައި އާސެނަލް ސަލާމަތް ކޮށްދިން އިރު، އިތުރު ޕެނަލްޓީއަކަށްވެސް ލިވަޕޫލުން ވަނީ އެޕީލް ކޮށްފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ހަވާޓްސްއަށް އިތުރު ފުރުސަތެއް ލިބި ބޭކާރުވި އިރު، ފަހުކޮޅަށް ގޮސް އާސެނަލުން ވިސްނީ ޑިފެންސް ކުރާށެވެ. ލިވަޕޫލުން މުޅި ޓީމު އެއްކޮށްވެސް ކުރިއަށް ޖެހި އެޓޭކް ކުރި ނަމަވެސް، ނަތީޖާއެއް ނުހޯދުނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
ކޮމެންޓް