މިނިވަން މުއައްސަސާތަކުގެ ވެރިންނާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މިނިވަންކަން ނެތިގެންދަނީ އެ މީހުންގެ ވަޒީފާ ގެއްލުވާލުމުގެ ބާރު ސަރުކާރަށް ލިބިފައިވާތީ ކަމަށާއި، އެ ބާރު ސަރުކާރު ކިބައިން ނެގިއްޖެ ނަމަ، މިނިވަން ފަނޑިޔާރުންތަކެއް އަދި މިނިވަން މުއައްސަސާތަކެއް ލިބިގެންދާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ނަޝީދު މިރޭ މާފަންނު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެގުމަކީ މިރާއްޖޭގައި ކަން ހިނގަމުންދާގޮތް ކަމަށެވެ. އެހެންވުމުން ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރުގެ ހަގީގީ މާނަ ގެއްލިގެންދާކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން، އެކަމުގައި ރައްޔިތުންނާ މަޝްވަރާކޮށްގެން ރަނގަޅު ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަންޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ.

"ދެން އަނެއް ވިސްނުމަކީ އަނެއްކާވެސް ހަމަ ކުރީގަވެސް ގެންގުޅުނު ވިސްނުން. މި ސުޕްރީމް ކޯޓުގެ ޖަޖުންވެސް، މިނިވަން މުއައްސަސާތަކުގެ ވެރިންވެސް، އެ މީހުން ސަރުކާރަށް ދީލާލަނީ ސަރުކާރަށް އޮންނަނީ ބާރުވެރިކަމެއް އެ މީހުންގެ މަގާމުން ދުރުކުރުމުގެ. އެ ބާރުވެރިކަން ސަރުކާރު އަތުން ނެގިއްޖެއްޔާ، އެ މީހުން ސަރުކާރަށް އޮންނަ އަޅުވެތިކަން ނައްތާލެވިއްޖެއްޔާ، ދެން އަޅުގަނޑުމެންނަށް ފެންނަނީ ދެން މިސާލަކަށް އެކަންކަން ރަނގަޅުވާނެކަމަށް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މެންބަރުކަމުން ވަކިވާނެ ހާލަތްތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެއްވެސް ވަރެއްގެ އޮޅުމެއް ނޯންނާނެ މިންވަރަށް އެކަންތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް މެންބަރެއްގެ ޝަރުތު ގެއްލުނީމަ ދެންވާނެ ގޮތްވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓަށް ފެނިއްޖެ އަދި އެހެން ހާލަތްތަކެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެހެން ހާލަތުތަކެއް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުނުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެފަދަ ރައުޔެއް ނެރުނު ގޮތެއް އެ މަނިކުފާނަށް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.