ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުގެ ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ކުރިން ޔަގީންކަން ދީފައިވާ ސްރީ ލަންކާއިން އެ މުބާރާތުން ވަކިވާން ނިންމުމާއެކު، އެ ފުރުސަތު އަފްގާނިސްތާނަށް ދޭން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

އަންނަ މަހު މާލޭގައި ބާއްވާ ޑައިމަންޑް ޖުބިލީ މުބާރާތުގައި ވާދަކުރާ ޓީމުތައް މިހާރު ޔަގީންވެފައިވާ އިރު، ރާއްޖޭގެ އިތުރުން ދެން މުބާރާތުގައި ވާދަކުރަނީ ބަންގްލަދޭޝް، ޕާކިސްތާނުގެ އިތުރުން އަފްގާނިސްތާނެވެ. އޭގެ ތެރެއިން ބަންގްލަދޭޝްއިން މުބާރާތަށް އަންނާނީ އެގައުމުގެ އޮލިމްޕިކް ޓީމެވެ. އެހެންކަމުން 23 އަހަރުން ދަށުގެ ޓީމާއެކު ބައެއް ސީނިއާ ކުޅުންތެރިންވެސް ސްކޮޑުގައި ހިމެނޭނެ ކަމަށް ބެލެވެއެވެ.

ރާއްޖޭން މިފަހަރު ބާއްވަން މަސައްކަތް ކުރާ ބައިނަލްއަގުވާމީ މުބާރާތުގެ ދައުވަތު ނޭޕާލަށްވެސް ދީފައިވާ އިރު، އެގައުމުން މުބާރާތުގައި ބައިވެރި ނުވާން ނިންމީ ހާލަތު ހުރި ގޮތުން ކަމަށް ނޫސްތައް ބުނެއެވެ. ނޭޕާލްގެ ފުޓުބޯޅަ މިވަގުތު އޮތީ އުނދަގޫ ހާލަތެއްގައެވެ. ފުޓުބޯޅަ އިދާރާގެ މައްސަލަތައް ކުޅިވަރު ކައުންސިލުން ބަލަމުންދާ އިރު، ބައެއް އިސް އޮފިޝަލުންގެ ޕާސްޕޯޓްތައްވެސް ވަނީ ހިފަހައްޓައިފައެވެ. އަދި އެގައުމު ދަނީ ފީފާ ސަސްޕެންޝަނަކާ ދިމާލަށެވެ.

ޑައިމަންޑް ޖުބިލީ މުބާރާތުގެ ދައުވަތު އެންމެ ފުރަތަމަ ގަބޫލުކޮށް، މުބާރާތުގައި ބައިވެރިވާނެކަމަށް ރަސްމީކޮށް އިއުލާނު ކުރީ ލަންކާ ނަމަވެސް، އެގައުމުން މިހާރު ނަން އަނބުރާ ގެންގޮސްފައިވާކަން އެފްއޭއެމްއިން ވަނީ "ވަން ސްޕޯޓްސް"އަށް ކަށަވަރު ކޮށްދީފައެވެ. އަދި ބަދަލުގައި އަފްގާނިސްތާނުން މުބާރާތުގައި ބައިވެރިވާނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށްވެސް އެފްއޭއެމްއިން ބުނެފައިވެއެވެ.

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ސްކޮޑުވެސް މިހާރު ވަނީ އިއުލާނު ކޮށްފައެވެ.

އަފްގާނިސްތާނުން މީގެ ކުރިން ވަނީ 2014 ވަަނަ އަަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގައިވެސް ވާދަކޮށްފައެވެ. އޭގެ އިތުރުން އަފްގާނިސްތާނުން ވަނީ 2003 އިން ފެށިގެން 2015 އާ ހަމައަށް ޗެމްޕިއަންޝިޕްގައިވެސް ވާދަކޮށްފައެވެ. ސާފް ޗެމްޕިއަންޝިޕްގެ ހަތް މުބާރާތެއްގައި އަފްގާނިސްތާނުން ކުޅުނު އިރު، ފަހު ތިން މުބާރާތުގެ ފައިނަލުގައި ވާދަކޮށް 2013 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދިއެވެ.