އޭނާ ޗެއާޕާސަންކަމަށް އިންތިހާބުވެއްޖެ ނަމަ، އެންމެ ފުރަތަމަ ކުރާނެ ކަމަކީ ޕާޓީގެ މާލީ ކަންކަން ދެފުށް ފެންނަ ގޮތަކަށް އާންމު ކުރުން ކަމަށް، އެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއިލްގެ "އިތުބާރު" ކެމްޕެއިންގެ ސިލްސިލާ ޕޮޑްކާސްޓް، "އިތުބާރު ސައްލާ" ގެ ދެވަނަ އެޕިސޯޑުގައި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މީކާއިލް ވިދާޅުވީ ޕާޓީއަށް ލިބޭ ފައިސާއަށް ވާގޮތް އާންމު މެންބަރުންނަށް އެނގުމަކީ އެމީހުންގެ ހައްގެއް ކަމަށެވެ.

"ޕާޓީއަށް ލިބޭ ފައިސާއަށް ވާގޮތް ޕާޓީގެ އާންމު މެމްބަރުންނަށް އެބަ އެނގެންޖެހޭ. މި ޕާޓީއަކީ ވަކި މީހެއްގެ އެއްޗެއް ނޫނެއްނު. ޕާޓީއަކީ މަތީ ފަޑީގައި ތިބޭ ޗެއާޕާސަންއާއި ޑެޕިއުޓީން އާއި ރައީސް އާއި ނައިބު ރައީސް އެ މިމީހުންގެ އެއްޗެއް ނޫނެއްނު. ޕާޓީއަކީ އާންމު މެމްބަރުންގެ ޕާޓީ،" މީކާއީލް ވިދާޅުވިއެވެ.

ރަށްރަށަށް ދަތުރުކުރައްވައި އިރު، ޕާޓީއަށް ލިބޭ ފައިސާއާ މެދު އާންމު މެންބަރުން ކަންބޮޑުވުން ފާޅުކޮށް ގިނަ ސުވާލުތަކެއް ކުރާ ކަމަށް މީކާއިލް ވިދާޅުވިއެވެ.

އެހެންކަމުން އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ޕާޓީގެ މާލީ ހިސާބުތަކާއި ހަރަދުތައް އާންމުކޮށް، މިއީ ހަގީގަތުގައި ވެސް އާންމު މެންބަރުންގެ ޕާޓީއެއްކަމުގެ އިހުސާސް ކުރުވާނެ ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގެއްލުމުގެ ސަބަބުން އާންމު މެންބަރުންނަށް ލިބުނު ގެއްލުންތަކާއި ވަޒީފާއިން ކަނޑާލުން ފަދަ ކަންކަމުގެ ހިތާމަ އަދިވެސް ނުފިލާ ކަމަށެވެ.

"އަޅުގަނޑުމެން އެބަޖެހޭ އެއްކޮށް މަސައްކަތް ކުރަން. އޭގެ މާނައެއް ނޫން ޕާޓީގެ ހުންގާނު އަޅުގަނޑުމެން ހަމަ އެދެރަ ދިން މީހުންނާ ހަވާލު ކުރުން. އެހެންނަމަވެސް އެ ބޭފުޅުންގެ ވެސް ބައިވެރިވުން އެ ބޭފުޅުންގެވެސް އެޑްވައިސް އަޅުގަނޑުމެން ކުރިއަށް ދިއުމުގައި އޮންނަން ޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން" މީކާއީލް ވިދާޅުވިއެވެ.