އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ބާއްވާނެ ފައިސާ ނެތުމާއި ޕާޓީގެ އެތެރޭގެ ބައިބައިވުން ބޮޑުވެ މަސްލަހަތު ގެއްލިދާނެތީ، ޗެއާޕާސަން ހޮވުމުގެ އިންތިހާބު ރިޔާސީ ޕްރައިމަރީގެ ފަހަށް ފަސްކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްއަފޫރު މޫސާ (ގަޕޯ) ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ އަފޫރު މި ހުށަހެޅުން ހުށަހެޅުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. އޭނާ ވިދާޅުވީ، މިވަގުތު އިންތިހާބު ބާއްވައިފި ނަމަ، ޕާޓީގެ ތެރޭގައި އުފެދޭނެ ހިޔާލުތަފާތުވުންތަކުގެ ސަބަބުން، ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބުރޫއަރާނެ ކަމަށެވެ.

އިންތިހާބު ފަސްކުރަން ޖެހޭ އަނެއް ސަބަބަކީ ޕާޓީގެ މާލީ ދަތިކަން ކަމަށް އަފޫރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މި އަހަރު ދައުލަތުން ޕާޓީއަށް ލިބެންޖެހޭ ފައިސާ އަދިވެސް ލިބިފައި ނުވާތީ، އިންތިހާބު ބޭއްވޭނެ ފަދަ މާލީ ތަނަވަސްކަމެއް ޕާޓީގައި މިވަގުތު ނެތެވެ.

އެހެންކަމުން، ޕާޓީ ހިންގުމަށްޓަކައި ވަގުތީ އިންތިޒާމެއް ހަމަޖެއްސުމަށްފަހު، އެކަން ގައުމީ މަޖިލީހުން ފާސްކުރުމަށް އޭނާ ވަނީ ލަފާދެއްވައިފައެވެ.

ޗެއާޕާސަން އިންތިހާބު ފަސްކުރަން ހުށަހެޅި އިރު، ޗެއާޕާސަންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މީކާއިލް އަހުމަދު ނަސީމް ގެންދަވަނީ ވަރަށް ވާދަވެރި ކެމްޕޭނެއް ކުރައްވަމުންނެވެ. އަފޫރުގެ މި ހުށަހެޅުމާ އެއްގޮތަށް އިންތިހާބު ފަސްކޮށްފި ނަމަ، މިއީ މި އިންތިހާބު ފަސްކުރާ ދެވަނަ ފަހަރަށް ވާނެއެވެ.

މީގެ ކުރިން މިދިޔަ ޑިސެމްބަރު މަހުވެސް ގައުމީ މަޖިލީހުން ވަނީ ލޯކަލް ކައުންސިލް އިންތިހާބަށްފަހު އިންތިހާބު ބާއްވާ ގޮތަށް ނިންމާފައެވެ. މި މައްސަލައިގައި ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އޭނާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ޗެއާޕާސަން އިންތިހާބުގެ ކަންކަން ހިންގުމުގެ ބާރު އަސާސީ ގަވާއިދުން ދީފައިވަނީ އޭނާއަށް ކަމަށާއި އޭނާއަށް އެންގުމެއް ނެތި އިންތިހާބުގެ ޓައިމްލައިން އިއުލާންކުރުމަކީ ގަވާއިދާ ހިލާފު ބާތިލު ނިންމުމެއް ކަމަށެވެ.