އިއްޔެ ފީފާއިން ބޭއްވި ކޮންގްރެސްގެ ތެރެއިން އަނިޔާވެރި އިޒްރޭލުގެ ފުޓުބޯޅަ އިދާރާގެ ނައިބު ރައީސް ބާސިމް ޝެއިހް ސިލިމާނާއި ފަލަސްތީނު ފުޓުބޯޅަ އިދާރާގެ ރައީސް ޖިބްރީލް ރަޖޫބާ ސްޓޭޖު މަތިން އެއްގަލަކަށް އަރުވަން ފީފާއިން ކުރި މަސައްކަތުގައި ފަލަސްތީނުން ސާބިތުކަން ދައްކައިފިއެވެ.
ފަލަސްތީން ފުޓްބޯޅަ އެސޯސިއޭޝަނުން 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފީފާއަށް މައްސަލަ ހުށެހެޅީ އިޒްރޭލް ސަސްޕެންޑްކުރުމަށް އެދިއެވެ. އެއީ ފަލަސްތީނުގެ ބިމަކަށް އަރައިގަނެ، އެތައް ކުދިންނަކާއި އެތައް އާންމުންނެއް ޝަހީދުކޮށްލާފައިވުމާއި ލާއިންސާނީ އެތައް ޖަރީމާތަކެއް ހިންގާފައިވާތީއެވެ. ފަލަސްތީނުން ބުނެފައިވަނީ ފީފާ މެމްބަރު ގައުމަކުން ދުނިޔޭގެ ގާނޫނުތަކަށް ގޮންޖަހައި، އިންސާނީ ކަރާމާތްތަކަށް އަރައިގަންނާތީ އެކަމާ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
އެ މައްސަލަ ބަލައި ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވަނީ އިޒްރޭލުން ފީފާގެ އަސާސީ ގަވާއިދާ ހިލާފަށް ކަންކަން ހިންގާފައިވާ ކަމަށާއި، ފީފާގެ އުސޫލުތަކުން ބޭރުން ބައިވަރު އަމަލުތައް ހިންގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިޒްރޭލުގެ މެޗުތަކުގައި ފަލަސްތީނަށް ނަސްލީ ގޮތުން ދިމާކުރުމާއި ލާއިންސާނީ ޖަރީމާތަކަށް ހިތްވަރު ދިނުންވެސް ހިމެނެއެވެ.
އެކަންކަން ފީފާއިން ފާހަގަކޮށްފައިވީ ނަމަވެސް، ފީފާއަށް އަޅަން ކެރުނީ ކުޑަކުޑަ ފިޔަވަޅެކެވެ.
އެ މައްސަލައިގައި ފީފާ ހޫނު ފެނުގައި އޮތް އިރު، އިއްޔެ ކެނެޑާގައި ބޭއްވި ކޮންގްރެސްގެ ތެރެއިން ފީފާ ރައީސް އިންފަންޓީނޯ ވަނީ ފަލަސްތީނުގެ ފުޓުބޯޅަ ރައީސާއި އިޒްރޭލް ފުޓުބޯޅައިގެ ނައިބު ރައީސް ލައްވާ ސަލާމް ކުރުވަން މަސައްކަތް ކުރައްވައިފައެވެ. އެކަމަށް ފަލަސްތީނުގެ ރައީސް ޖިބްރީލް ވަނީ ދެކޮޅު ހައްދަވައި، އޭނާގެ ސާބިތުކަން ހާމަކޮށްދެއްވާފައެވެ.
ފަލަސްތީނު އެފްއޭގެ ނައިބު ރައީސް ސޫސަން ޝަލާބީ ފަހުން ވިދާޅުވީ، ފުޓުބޯޅައިގެ ތެރެއިން ރަނގަޅު ބައެއްކަން ދައްކަން އިޒްރޭލުން ކުރާ މަސައްކަތުގައި ފީފާއަށް އެހީވެދޭން ފަލަސްތީނުން ބޭނުން ނުވާ ކަމަށެވެ. އަދި ފަލަސްތީނު މިވަގުތުވެސް ތަހައްމަލު ކުރަމުން ދަނީ ދަތި ހާލަތެއްކަން ހަނދާން އާކޮށްދެއްވާފައިވެއެވެ.
ފީފާއިން އިޒްރޭލާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކުޑަކަމުން އެކަމުގައި ފަލަސްތީނުން ވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް މައްސަލަވެސް ހުށަހަޅުއްވައިފައެވެ.
ފީފާ
ފީފާ
ފީފާ
ފީފާ