އަންނަ މަހު އިންޑިއާގައި ފަށަން ތައްޔާރުވެފައިވާ ސާފް އަންހެން ފުޓުބޯޅަ މުބާރާތް، ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ޓީމުގެ ކޯޗަކަށް، ކުރީގެ މަޝްހޫރު ޑިފެންޑަރު ސޮބާހް މުހައްމަދު (ސޮބާ) ހަމަޖައްސައިފިއެވެ.

ސާފްގެ އަންހެން ފުޓުބޯޅަ މުބާރާތް މިފަހަރު ކުރިއަށް ގެންދަން ނިންމާފައި ވަނީ ގޯއާގެ މާގައޯގައެވެ. މެޗުތައް ކުރިއަށްދާނީ ފަޓޯޑާ ސްޓޭޑިއަމްގައެވެ. މެޗުތައް ކުރިއަށްދާނީ އަންނަ މަހުގެ 25 އިން ޖޫން ހަތްވަނަ ދުވަހާ ހަމައަށެވެ.

އަންހެން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން މިހާތަނަށް އަށް ފަހަރަކު ވާދަކޮށްފައިވާ އިރު، އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ 2016 ވަނަ އަހަރުއެވެ. އެފަހަރު ރާއްޖޭން ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ. އެފަހަރުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭން ވަނީ ބޫޓާނާއި ސްރީ ލަންކާ ބަލިކޮށްފައެވެ.

ސޮބާ މިފަހަރު އަންހެން ގައުމީ ޓީމާ ހަވާލުވެފައި ވަނީ އޭގެ ކުރިން 17 އަހަރުން ދަށުގެ ޓީމާވެސް ހަވާލުވެ ހުރެގެންނެވެ.

ސޮބާއަކީ މިހާރު ތަޖުރިބާކާރުވެސް ކޯޗެވެ. އެގޮތުން އޭނާ ވަނީ ގިނަ ކްލަބުތަކެއްގައިވެސް ކޯޗުކަން ކޮށްދީފައެވެ. އެގޮތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސްގެ އިތުރުން ކްލަބު ވެލެންސިއާއި 23 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ސޮބާ ވަނީ ކޯޗުކަން ކޮށްދީފައެވެ.

މިފަހަރު ސާފް އަންހެން މުބާރާތުގައި ރާއްޖެ ވާދަކުރާނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ހިމެނެނީ ވަރުގަދަ އިންޑިއާ އަދި ބަންގްލަދޭޝްއެވެ. އިންޑިއާ ވަނީ ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ. އަދި ބަންގްލަދޭޝްއަކީ އެންމެފަހުގެވެސް ޗެމްޕިއަނުންނެވެ. އެޓީމުން ވަނީ މިހާތަނަށް ދެ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ.