އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް މަލާމާތާއި ފުރައްސާރައިގެ ބަސްތައް ރައްދު ނުކުރުމަށް، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު އެދިވަޑައިގަންނަވައިފިއެވެ.

އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި "އިތުބާރު ހަރުގެ ޖަލްސާ" ގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، މިއީ ޕާޓީގެ އެތެރޭގެ އިންތިހާބެއް ކަމަށްވާތީ، ވާދަވެރި ކެންޑިޑޭޓުންނަށް ހުތުރު ބަސްތަކުން މުހާތަބު ކުރުމަކީ އޭނާ އެއްގޮތަކަށްވެސް ތާއީދުކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަމުން ދުރުހެލިވުމަށް އޭނާގެ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގަންނަވާކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ، އިންތިހާބުގެ މި 40 ދުވަހަށް ފަހުވެސް ޕާޓީގެ ކުރިމަގު އޮތްކަން ވިސްނަންޖެހޭ ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ޕާޓީގެ ހުރިހާ މެންބަރުން އެކުގައި ގުޅިގެން ކުރާ މަސައްކަތުންކަމަށް މީކާއިލް ވިދާޅުވިއެވެ.

"އަޅުގަނޑަށް ވިސްނޭ، މި 40 ދުވަހަށް ފަހުވެސް ދުވަހެއް އެބައޮތްކަން. ދެހާސް އަށާވީސް ކާމިޔާބު ކުރެވޭނީ އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކޮށްގެން. ވަކި ބަޔަކު ބާކީކޮށްގެން ހިންގާ ޕްރައިމަރީއަކަށް އާންމު މެންބަރުންގެ އިތުބާރެއް ނޯންނާނެ،" މީކާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އޭނާގެ ޗެއާޕާސަންކަމުގެ ދަށުން އެމްޑީޕީ ހިންގާނީ މެންބަރުން ފަހުރުވެރިވާ ފަދަ އިތުބާރު ހުރި ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ކާމިޔާބީއާ ހަމައަށް ޕާޓީ ގެންގޮސްދޭނެ ކަމުގެ ޔަގީންކަންވެސް ދެއްވާކަމަށް މީކާއިލް ވިދާޅުވިއެވެ.