އައްޑޫ ސިޓީގެ ފޭދޫ ސްކޫލުގެ ލައިބްރަރީގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ފޭދޫ ސްކޫލް ލައިބްރަރީ ބޭރުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު މިއަދު 8:20 ހާއިރު ލިބުމާ އެކު، ހިތަދޫ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވައިލެވިފައިވަނީ މިއަދު 8:56 ހާއިރު ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފޭދޫ ސްކޫލުގެ ލައިބްރަރީގައި އަލިފާން ރޯވެ އަނދައިފައި-- ފޮޓޯ: އެމްއެންޑީއެފް

ނަމަވެސް އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯތަކުން ލައިބްރަރީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތަން ފެނެއެވެ. އެގޮތުން އެތަނުގައި ހުރި ކަބަޑުތަކާއި ފޮތްތައް ވަނީ އަނދައިފައެވެ. އަދި ދޮރާއި އޭސީ ވެސް ވަނީ އެއްކޮށް އަނދައި ހަލާކުވެފައެވެ.