މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީ ހުޅުމީދޫ ހެލްތު ސެންޓަރަށް ގެނައި މީހަކަށް ބޮޑު އަނިޔާއެއް ވެފައިވާ މައްސަލައެއް މިއަދު މެންދުރުފަހު 13:50 އެހައިކަންހާއިރު ހެލްތު ސެންޓަރުން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާ އިރު، އެ މީހާއަށް އަނިޔާވެފައިވަނީ ގެއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އެ މީހާއަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ކަމަށާއި އަދި އެ މާރާމާރީއަކީ މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިން ހިނގި މާރާމާރީއެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މާރާމާރީގައި އަނިޔާވި މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށާއި އެއީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން 44 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.