ސިޔާސީ ނުފޫޒުން އެއްކިބާވުމަށާއި، ފީފާގެ އިހުލާސްތެރިކަން ހިފަހައްޓައި، އަގު ހިފެހެއްޓުމަށް ޕީސް ޕްރައިޒް ދިނުން ހުއްޓާލަން ނޯވޭގެ ފުޓުބޯޅަ އިދާރާއިން ގޮވާލައިފިއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އިސްނެގުމާއެކު ފީފާއިން ވަނީ މިދިޔަ ޑިސެމްބަރު މަހު ޕީސް ޕްރައިޒެއް އިއުލާނުކޮށް، ފުރަތަމަ ފަހަރަށް އެ އެވޯޑު ދީފައެވެ. ފީފާގެ ފުރަތަމަ ޕީސް ޕްރައިޒް ދީފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށެވެ.
އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ވޯލްޑް ކަޕް ބާއްވަން ތައްޔާރުވެފައިވާ އިރު، އެ އެވޯޑު ޓްރަމްޕަށް ދިނީ އެއްވެސް ހަމައަކުން ބަލައި، އިންސާފަކަށް ބަލައިގެން ނޫން ކަމަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ. އަދި އެކަމަށް ފާޑުކިޔުންވެސް އަމާޒުވެފައިވެއެވެ. އެއީ ޓްރަމްޕަކީ ސުލްހައިގެ އިނާމެއް ދޭން އެއްވެސް ގޮތަކަށް ކަމުދާ ޝަހުސިއްޔަތަކަށް ނުވާތީއެވެ.
ކުރިންވެސް ފީފާގެ ދެފުށް ދެގޮތް ކަމަށް ނޯވޭން ފާޑު ކިޔާފައިވާ އިރު، އެގައުމު އެފްއޭގެ ރައީސް ލީސޭ ކްލަވެނެސް ވިދާޅުވީ އެ އެވޯޑު ވަގުތުން ވަގުތަށް ހުއްޓާލަން ގޮވާލާ ކަމަށެވެ. އަދި އެކަމަކީ ފީފާގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން ކަމަށާއި، އެކަހަލަ އެވޯޑު ދޭން އިލްމީ ފަރާތްތަކުން އެކުވެ، ހާއްސަ އިދާރާތައް އެކުލަވާލާފައި ވާ ކަމަށެވެ.
ނޯވޭ އެފްއޭގެ ރައީސް ކްލަވެނެސް ވިދާޅުވީ ފީފާއާއި އެހެނިގެން ފުޓުބޯޅަ އިދާރާތަކުންވެސް ސިޔާސީ ކަންކަމުން އެއްކިބާވެ، ވަކި ފަރުދުންގެ މަސްލަހަތަށްޓަކައި ހިތްރުއްސަން ކުރާ ކަންކަން ހުއްޓަލްނ ޖެހޭ ކަމަށެވެ. އަދި އެކަހަލަ ކަންކަން އިތުރުވަމުންދާނަމަ، ފީފާގެ އިތުބާރު ގެއްލި، އަގު ވެއްޓޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކްލަވެނެސްއަކީ 45 އަހަރުގެ ލޯޔަރެކެވެ. އޭނާ ފީފާއަށް ފޮނުއްވި ސިޓީއެއްގައި ޕީސް ޕްރައިޒް ދިން ގޮތް ތަހުގީގުކުރަން އެދިވަޑައިގެންފައިވެއެވެ.
ފީފާ
ފީފާ
ފީފާ
ފީފާ