ގ. ހިޔާރޯދީގައި ހުރި ގުދަނެއްގައި ރޯކޮށްލި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި، އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން މިއަދު ބުނީ، މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު ހިނގި މި އަލިފާނުގެ ހާދިސާއާ ގުޅިގެން ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހެޅީ މި މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. މި މައްސަލާގައި ތުހުމަތު ކުރެވެނީ ލ. މާބައިދޫ، ސަބުނަމް ހައުސް، ހުސައިން ޝަހްބާން (29އ) އަށެވެ.
ފުލުހުން ބުނި ގޮތުގައި، ޝަހްބާންގެ މައްޗަށް ދައުވާކުރުމުގެ މަރުހަލާ ކުރިއަށްދާއިރު، އޭނާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ. ކުށުގެ ރެކޯޑުތަކެއް އޮންނަ ޝަހްބާން ހައްޔަރުކުރީ، އަލިފާނުގެ ހާދިސާ ހިނގުމުގެ ކުޑަވަގުތުކޮޅެއް ކުރިން އޭނާ އެ ގޭގެ ތެރެއަށް ވަދެ ނުކުމެ ހަދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި، ގޮޅިޖެހި ގަމީހެއް ލައިގެން ހުރި ޝަހްބާން ހެނދުނު 10:33 ހާއިރު ސައިކަލެއްގައި އައިސް އެ ގެއަށް ވަދެއެވެ. އަދި އޭގެ ހަ މިނެޓު ފަހުން 10:39 ގައި އޭނާ އެ ގެއިން ނުކުމެގެންދާތަން ފެނެއެވެ. އޭނާ ނުކުތްތާ ހަތަރު މިނެޓު ތެރޭގައި، އެ ގެއިން ދުން އަރަން ފެށުމުން މީހުން އެއްވާ މަންޒަރުވެސް ވީޑިއޯއިން ސާފުވެއެވެ.
މި ހާދިސާގައި ރޯވި ގުދަނަކީ ކުރިން ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގި މޯރީގަރާޖު ކައިރީގައި ހުންނަ އިމާރާތެކެވެ. މި އަލިފާނުގެ ސަބަބުން އެ ގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް