ލިވަޕޫލްގެ މިސްރު ފޯވަޑް، މުހައްމަދު ސަލާހަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ސީޒަނުގެ ބާކީބައި އެއްކޮށް ގެއްލޭނެ ކަމަށް މިސްރު ގައުމީ ޓީމުގެ ޑިރެކްޓަރު އިބްރާޙީމް ހަސަން ބުނެފިއެވެ.

މި ސީޒަން ނިމުމަށްފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ސަލާހް، 33، ލިވަޕޫލާ ގުޅިފައި ވަނީ 2017 ވަނަ އަހަރުއެވެ. އެއީ އޭއެސް ރޯމާއިންނެވެ. އޭގެފަހުން މިދިޔަ ދުވަސްތަކުގައި ސަލާހަކީ އެ ކްލަބަށް އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. އެ ކްލަބަށް ކުޅުނު 435 މެޗުގައި ސަލާހް ވަނީ 255 ގޯލް ކާމިޔާބު ކޮށްދީފައެވެ. އޭނާއަކީ ކްލަބު ތާރީހުގައި ތިންވަނައަކަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. ސަލާހް ވަނީ ޕްރިމިއާ ލީގުގެ ރަން ބޫޓު، ހަތަރު ފަހަރަކަށް ހޯދައިފައެވެ.

ސަލާހްގެ ލެޖެންޑަރީ ލިވަޕޫލް ކެރިއަރު ނިމުމަކާ ގާތްވެފައިވާ އިރު، އޭނާއަށް އަނިޔާވީ ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅެ، 3-1އިން މޮޅުވި މެޗުގައެވެ. އެ އަނިޔާގެ އިތުރު ތަފްސީލު ލިވަޕޫލުން ހާމަކޮށްފައި ނުވި ނަމަވެސް، އަނިޔާގެ ސަބަބުން ސީޒަނުގެ ބާކީބައި ސަލާހަށް ގެއްލޭނެ ކަމަށް މިސްރުގެ ގައުމީ ޓީމުން ވަނީ ބުނެފައެވެ.

މިސްރުގެ ގައުމީ ޓީމުގެ ޑިރެކްޓަރު ހަސަން ބުނީ ސަލާހްގެ ފަލަމަސްގަނޑަށް އަނިޔާވެ، ހަތަރު ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށެވެ.

މިސްރުގެ ގައުމީ ޓީމުން އެހެން ބުނެފައިވާ އިރު، އޭނާ ވޯލްޑް ކަޕަށް ފިޓްވާނެ ކަމަށް އެގައުމުން ވަނީ ލަފާ ކޮށްފައެވެ. އަދި އެކަމަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށްވެސް ހަސަން ބުނެފައިވެއެވެ.

މިސްރުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވަމުން ދަނިކޮށް، ޗެމްޕިއަންސް ލީގު ފައިނަލުގައި ކޮނޑުހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ވަނީ އެފަހަރު ވޯލްޑް ކަޕް މިސްރުން ކުޅުނު ގްރޫޕް ސްޓޭޖު ދެމެޗެއް ގެއްލިފައެވެ.