ވިލިމާލޭގެ ފެހިކަން ދެމެހެއްޓުމަށްޓަކައި، އެ ރަށުގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ ތެރެއިން އެއް ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމާފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މުއްތަލިބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓުގެ ތެރެއިން އެއް ޓަވަރު އަޅަން ކުރިން ނިންމާފައިވާ ތަނުގެ ބަދަލުގައި އެހެން ސަރަހައްދެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. މި ބަދަލު ގެނައީ އެ ސަރަހައްދުގައި ހުރި ދުވަސްވީ ބޮޑެތި ގަސްތައް ކަނޑަންޖެހޭތީ އާންމުންނާއި ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ބިންގާ އަޅާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. މި މަޝްރޫއު ކުރިއަށްގެންދަން ކުރިން ރާވާފައިވަނީ ވިލިމާލޭގައި އެންމެ ގިނައިން ގަސް ހުރި "ފުނަވާ" ސަރަހައްދުގައެވެ.

މުއްތަލިބު ވިދާޅުވީ، މާލެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، ނަމަވެސް ބިން ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި އަލަށް ހިއްކާ ބިންތަކަކީ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ބިންތަކަށް ވުމުން، ފްލެޓް އެޅުމަށް ބިން ހޯދުމުގައި ދަތިތަކެއް ހުރި ނަމަވެސް، ސަރުކާރުގެ ސިޔާސަތަކީ ބޮޑެތި ފުނަގަސްތައް ނުކަނޑައި މަޝްރޫއު ކުރިއަށް ގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ވިލިމާލޭގައި 17 ފަންގިފިލާގެ ތިން ޓަވަރު އެޅުމަށް ހަމަޖެހިފައިވާއިރު، ކޮންމެ އެޕާޓްމަންޓެއްގައި 900 އަކަފޫޓު ހުންނާނެއެވެ.