ގ. އަސްރީމާގެ ފާތިމަތު ޝިފާޒް ޝަހީމް (ވެށި ލިންކް އިންވެސްޓްމެންޓް) އަށް ދޭން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް، 6.8 މިލިޔަން ރުފިޔާ އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 70،000 ރުފިޔާ ދޭން ކުރި ހުކުމްގައި ހިމެނޭ 70،000 ރުފިޔާގެ ބައި ތަންފީޒު ނުކޮށް މަޑުޖައްސައިލާން ހައިކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައަކީ 2022 ވަނަ އަހަރުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަނަށް ދިން ހިދުމަތްތަކުގެ އަގުގެ ގޮތުގައި ފެނަކައިން ދޭންޖެހޭ 8.5 މިލިޔަން ރުފިޔާ ހޯދުމަށް ފާތިމަތު ޝިފާޒް ޝަހީމް (ވެށި ލިންކް އިންވެސްޓްމެންޓް)ގެ ފަރާތުން ފެނަކައިގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާގެ މައްސަލައެެކެވެ.
މި މައްސަލައިގައި 27 އޮކްޓުބަރު 2025 ގައި ސިވިލް ކޯޓުން ހުކުމް ކުރީ، ގ. އަސްރީމާގެ ފާތިމަތު ޝިފާޒް ޝަހީމް (ވެށި ލިންކް އިންވެސްޓްމެންޓް)ގެ ފަރާތުން ފޯރުކޮށްދީފައިވާ ހިދުމަތްތަކާ ގުޅިގެން ހޯދުމަށް ދައުވާކޮށްފައިވާ 8.5 މިލިޔަން ރުފިޔާގެ ތެރެއިން އެހާތަނަށް ނުދައްކައި ބާކީ އޮތް 6.8 މިލިޔަން ރުފިޔާ އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހޯދުމަށް އެދިފައިވާ 70،000 ރުފިޔާއަކީ ފެނަކައިން އެފަރާތައް ދައްކަންޖެހޭ ފައިސާކަން ސާބިތުވާ ކަމަށެވެ.
އެހެންކަމުން އެ ފައިސާ ފާތިމަތު ޝިފާޒް ޝަހީމް (ވެށި ލިންކް އިންވެސްޓްމެންޓް) އަށް ލިބިދިނުމުގެ ގޮތުން ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށް ފެނަކައަށް އަންގައި ހުކުމް ކުރާ ކަމަށެވެ.
ނަމަވެސް މި ހުކުމުގައި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ދެއްކުމަށް ފެނަކައަށް އަމުރުކޮށްފައިވާ 70،000 ރުފިޔާގެ މައްސަލަ ފެނަކައިގެ ފަރާތުން މިދިޔަ މާޗް މަހުގެ 30 ގައި ހައިކޯޓަށް ހުށަހެޅިއެވެ. އަދި ހައިކޯޓުން އެ މައްސަަލައަށް ގޮތެއް ކަނޑައަޅަންދެން ސިވިލް ކޯޓުން ފެނަކައިގެ މައްޗަށް ކޮށްފައިވާ ހުކުމުގައިވާ 70،000 ރުފިޔާ ދެއްކުން ފަސްކޮށްދިނުމުގެ އަމުރަކަށް ވެސް އެދުނެވެ.
ފެނަކައިން ބުނެފައި ވަނީ، އެ ކުންފުންޏާ ދެކޮޅަށް ފާތިމަތު ޝިފާޒްގެ ފަރާތުން ދަށު ކޯޓުގައި ވަކާލާތުކޮށްފައިވާ ވަކީލަކީ، ކުރިން ފެނަކަ ކޯޕަރޭޝަންގައި މަސައްކަތްކޮށްފައިވާ ގާނޫނީ ވަކީލެއް ކަމަށެވެ. އެހެންކަމުން އެއީ ގާނޫނީ ފަންނުގެ ގާނޫނުގެ 42 ވަނަ މައްދާއާ ހިލާފު، ގާނޫނީ ވަކީލުންގެ ގައިރު ސުލޫކީ އަަމަލު ތަކުރާރު ކުުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން މި މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އޮތް ގެއްލުމާއި ފައިސާ ވަޒަންކޮށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ފެނަކައިގެ ފަރާތުން ފާތިމަތު ޝިފާޒްއަށް ދެއްކުމަށް ހުކުމްކޮށްފައިވާ 70،000 ރުފިޔާއާ މެދު ވަކި ގޮތަކަށް އަމަލު ކުރަން ހައިކޯޓުން އަންގަންދެން ނުވަތަ އެ މައްސަލައާ މެދު ގޮތެއް ކަނޑައަޅަންދެން އެ ފައިސާއާ މެދު ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ހައިކޯޓުން އަންގައި އަމުރު ކުރާ ކަމަށް ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން