ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހަމަޖައްސައިފިއެވެ.
ޕީސީބީން މިއަދު ބުނީ ފެނަކައިގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސ. ފޭދޫ ނެސްޕްރޯވިލާ ޑރ. އަލީ އަޒުވަރު އައްޔަން ކުރުމުގެ އިތުރުން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ހ. ހުދުރިޔާ އިބްރާހިމް ނިޒާމްވެސް އައްޔަންކޮށްފައިވާ ކަމަށެވެ.
މީގެކުރިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަފީފު ހުސައިން ވަނީ އިއްޔެ މަގާމުން ވަކިކޮށްފައެވެ.
ފެނަކައިގެ ހިންގުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރާ ހަވާލުކޮށްފައި މިވަނީ ފެނަކަ އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް އެއްކޮށް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާ ކުރިއަށްދާ ދަނޑިވަޅެއްގައެވެ. މި ބަދަލަކީ ހިންގުމުގެ ހަރަދު ކުޑަކޮށް، ޔުޓިލިޓީ ހިދުމަތްތައް ހަރުދަނާ ނިޒާމެއްގެ ދަށަށް ގެނައުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅެކެވެ.
މި ނިންމުމާ ގުޅިގެން ފެނަކައިގެ ދަށުން ހިދުމަތް ދެމުން އައި ރަށްރަށުގެ އެސެސްމެންޓުތައް ހަދައި، ސްޓެލްކޯއިން އަންނަނީ އެ ރަށްރަށުގެ އޮޕަރޭޝަންތަކާ ރަސްމީކޮށް ހަވާލުވަމުންނެވެ. އެގޮތުން އެކި ސަރަހައްދުތަކުގެ ކަރަންޓާއި އަސާސީ އެހެނިހެން ހިދުމަތްތައް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ހިނގަމުންނެވެ.
އަލީ ޔާމިން
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
ކޮމެންޓް