ސްޓެލްކޯގެ ދަށަށް ބަދަލުކޮށް އުވާލުމުގެ މަސައްކަތް ކުރަމުންދާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަފީފް ހުސައިން މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން "ވަން" އަށް ކަށަވަރުކޮށްދިން ގޮތުގައި، މިދިޔަ އެޕްރީލް 27 ގައި އެ ކުންފުނީގެ އެމްޑީގެ މަގާމާ ހަވާލުވެވަޑައިގެންނެވި އަފީފް މަގާމުން ވަކިކުރިކަން މިއަދުވަނީ ރަސްމީކޮށް އޭނާއަށް އަންގައިފައެވެ.

އަފީފަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ފެނަކައިގެ އެމްޑީގެ މަގާމުން ވަކިކުރެއްވި ތިންވަނަ ބޭފުޅާއެވެ. މީގެކުރިން އެ މަގާމު ފުރުއްވި މުހައްމަދު ނަޖާހު އަދި މުއާޒް މުހައްމަދު ރަޝީދުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. މުއާޒް މިހާރު ހުންނެވީ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށެވެ.

ފެނަކައިގެ ޗެއާމަންކަންވެސް ކުރިން ކުރެއްވި އަފީފް، އެމްޑީގެ މަގާމުގައި ހުންނަވައިގެންވަނީ ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށާއި، މުވައްޒަފުންގެ އަދަދު މަދުކޮށް ކުންފުނި ޑައުންސައިޒް ކުރުމުގެ މަސައްކަތްތަކެއް ކުރައްވައިފައެވެ. މީގެއިތުރުން ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ވަޒަންކުރުމަށް ހިންގި ސާވޭތައްވެސް ވިލަރެސްކުރެއްވީ އޭނާއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އައި ފެނަކަ ކޯޕަރޭޝަން އެއްކޮށް އުވާލައި، އެ ކުންފުނީގެ ހުރިހާ މަސައްކަތްތަކެއް ސްޓެލްކޯގެ ދަށަށް ގެންދަން ނިންމާފައިވާކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ.

ރައީސް ވިދާޅުވެފައިވަނީ، ވޭތުވެދިޔަ އެމްޑީޕީ ސަރުކާރުގައި ފެނަކައިގެ ތެރޭގައި ހިންގާފައިވާ ބޮޑެތި ޖަރީމާތައް އޮޑިޓާ ޖެނަރަލްގެ ރިޕޯޓުން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އަދި ފަންނީ މާހިރުންގެ ލަފަޔާއެކު ބެލިބެލުމުން، އެ ކުންފުންޏަކީ ދެން ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ތަނެއް ނޫންކަން ސާފުވެފައިވާ ކަމަށާއި، އެހެންކަމުން އެންމެ ރަނގަޅު ހައްލަކީ ފެނަކަ އުވާލައި ސްޓެލްކޯގެ ދަށަށް ހިދުމަތްތައް ބަދަލުކުރުންކަމަށް ސަރުކާރުން ނިންމީކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.