ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި 2-0 އިން ގެޓާފޭ ބަލިކޮށްފިއެވެ.

ބާސާއިން ރަށުން ބޭރުގައި ރޭ ހޯދި މޮޅާއެކު އެޓީމުން ވަނީ އެއްވަނައިގައި 11 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އެއީ 33 މެޗުން 85 ޕޮއިންޓާއެކުގައެވެ. ރެއާލް ދެވަނައިގައި އޮތީ 33 މެޗުން 74 ޕޮއިންޓާއެކުގައެވެ.

ރެއާލުން މިހަފުތާގައި ކުޅުނު މެޗުން އެއްވަރުވެފައިވުމާއެކު ބާސާއަށް އިތުރު ފުރުސަތެއް ފަހިވެފައިވާ އިރު، ދެން ބާކީ ދެޓީމަށްވެސް އޮތީ ފަސް މެޗެވެ. އެހެންކަމުން މިހާރު އޮތް ޕޮއިންޓްގެ ފަރަގާއެކު ބާސާއަށް ވަނީ ލީގު ލިބުމާ ގާތުގައެވެ.

މެޗުގެ ފުރަތަމަ ގޯލް ފާމިން ލޮޕޭޒްގެ ފަރާތުން ފެނިގެން ދިޔައީ ހާފު ނިމެން ދަނިކޮށެވެ. މެދުތެރެއިން ޕެޑްރީ ޖައްސާލި ބޯޅަ ފާމިން ނިންމާލީ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

އޭގެފަހުންވެސް ބާސާއިން ނުރައްކާ ކުރި އިރު، ދެވަނަ ހާފުގައި ޕެޑްރީއާއި ރޮބާޓް ލެވަންޑޯސްކީ އުފެއްދި ހަމަލާތައް ކާމިޔާބެއް ނުވިއެވެ. އޭގެ ތެރެއިން ޕެޑްރީގެ ހަމަލާ ދިފާއުކުރީ ކީޕަރު ޑޭވިޑް ސޯރިއާއެވެ.

ބާސާއިން މެޗުން ހޯދި މޮޅު ޔަގީން ކޮށްދިނީ މާކަސް ރަޝްފޯޑު ޖެހި ގޯލަކާއެކުގައެވެ.