ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވުމާއެކު، ލީގު ތަށްޓަށް ކުރަމުން އައި އުންމީދަށް ގާތްގަނޑަކަށް ނިމުން އައިސްފިއެވެ.

ބެޓިސް ދަނޑުގައި ރޭ ރެއާލް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާ ފަހަތަށް ޖައްސާލުމުގެ އުންމީދު އެޓީމަށް ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ގެއްލިފައެވެ.

ބާސާ މިވަގުތު އެއްވަނައިގައި އޮތީ 32 މެޗުން 82 ޕޮއިންޓާއެކުގައެވެ. ވާދަވެރި ރެއާލް ދެވަނައިގައި އޮތީ 33 މެޗު ކުޅެ، 74 ޕޮއިންޓާއެކުގައެވެ. ރެއާލަށް ލީގުގައި ބާކީ ފަސް މެޗު އޮތް އިރު، ބާސާއާ ދެމެދު އަށް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އަދި ބާސާއިން މިހަފުތާގައި ކުޅޭ މެޗުން މޮޅުވެއްޖެނަމަ، އެ ލީޑު 11 ޕޮއިންޓަށް ފުޅާ ކުރެވޭނެއެވެ.

މެޗުގެ ކުރީކޮޅުގައި ރެއާލުން ނުރައްކާ ބޮޑުކުރި އިރު، އެ ކްލަބަށް 100 ވަނަ މެޗު ކުޅުނު ކިލިއަން އެމްބާޕޭ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އަދި އޭގެފަހުންވެސް ރެއާލުން މެޗު ކޮންޓްރޯލް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން 17 ވަނަ މިނެޓުގައި ރެއާލް ލީޑު ނެގިއެވެ. އެ ގޯލް ޖެހީ ވިނީޝިއަސް ޖޫނިއާއެވެ.

ހާފު ނިމެން ދިޔަ ވަގުތު ބޮޑަށް ނުރައްކާކުރީ ބެޓިސްއެވެ. ސެޑްރިކް ބަކަމްބާއާއި ޕަބްލޯ ފޯނަލްސްގެ ނުރައްކާތެރި ހަމަލާތައް މަތަކުރީ ރެއާލްގެ ކީޕަރު އަންދްރީ ލުނިންއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ރެއާލް އަނެއްކާވެސް ނުރައްކާކުރި އިރު، އެޑުއާޑޯ ކަމަވިންގާއާއި ޓްރެންޓް އެލެކްސެންޑާ އާނޯލްޑްގެ ހަމަލާތައް ދިޔައީ ބޭކާރުވެގެންނެވެ. އެ ފުރުސަތުތައް ރެއާލަށް ގެއްލުމުގެ ނަތީޖާއެއްގެ ގޮތުން އެންމެ ފަހުވަގުތު ބެޓިސް އެއްވަރުކުރީ ހެކްޓާ ބެލަރިން ޖެހި ގޯލާއެކުގައެވެ.