އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި ހިޔާލެއް ނަމަވެސް، އިރާނުގެ ބަދަލުގައި ވޯލްޑް ކަޕްގައި އިޓަލީ ކުޅެން ފުރުސަތު ދޭން ފީފާގެ ވިސްނުމެއް ނެތް ކަމަށް ރިޕޯޓުތައް ޔަގީން ކޮށްދީފިއެވެ.

އެމެރިކާއާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެން ސަބަބުން އެގައުމުގެ އެތައް އާއްމުންނެއް ޝަހީދުކޮށްލާފައިވާ އިރު، އެތައް ކުޑަކުދިންނެއްވެސް ޝަހީދުކޮށްލާފައިވެއެވެ. އެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އިރާނުން ބުނެފައި ވަނީ އެމެރިކާގައި ބާއްވާ ވޯލްޑް ކަޕެއްގައި ކުޅެން އެގައުމުން ދާން ބޭނުން ނުވާ ކަމަށެވެ.

އެމެރިކާއަށް އިރާންގެ ކުޅުންތެރިންނަށް ރައްކާތެރިކަން ދެވޭނެކަމުގެ ޔަގީންކަން ނުދެވޭނެކަމަށް ޓްރަމްޕް ވިދާޅުވެސްވެފައިވާ އިރު، އިޓަލީއަށް ކަނޑައަޅުއްވާފައި ހުންނަ އެމެރިކާގެ އެންވޯއީ ޕައޮލޯ ޒަމްޕޯލީ ވިދާޅުވެފައި ވަނީ އިރާނުގެ ބަދަލުގައި އިޓަލީއަށް ވޯލްޑް ކަޕުން ފުރުސަތު ދޭން ޓްރަމްޕަށް ހިޔާލު ދެއްވި ކަމަށާއި، އެއީ ޓްރަމްޕަށްވެސް |ޝައުގުވެރި ވިސްނުމެއް ކަމަށެވެ.

އިޓަލީއަށް އަނެއްކާވެސް ވޯލްޑް ކަޕުން ފުރުސަތު ގެއްލިފައިވާ އިރު، އެޓީމުން 2014 ވަނަ އަހަރު ފަހުން އަދި ވޯލްޑް ކަޕްގައި ކުޅެފައެއް ނުވެއެވެ. މިފަހަރުވެސް ކޮލިފިކޭޝަނަށް ގޮސް، ކަޓައިގެން ދިޔައީ އެންމެފަހު މެޗުގައި ބޮސްނިއާ ކައިރިން ޕެނަލްޓީ ޖަހައިގެންނެވެ.

އެމެރިކާއިން އެ ހިޔާލު ގެންގުޅުނު ނަމަވެސް، ފީފާ ރައީސް ޖިއާންލުއީޖީ އިންފަންޓީނޯ ވިދާޅުވެފައި ވަނީ އިރާނުން ވޯލްޑް ކަޕަށް ދާނެ ކަމަށެވެ. އަދި އެ މުބާރާތުގައި އިރާން ކުޅޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ހަބަރުތައް ބުނީ އިޓަލީގެ އެންވޯއީ ޒަމްޕޯލީ އެވާހަކަ ދެއްކީ އެމެރިކާގެ ރައީސް ޓްރަމްޕާއި އިޓަލީއާ ދެމެދު އޮތް ނުތަވަސްކަން ރަނގަޅު ކުރުމަށް ކަމަށެވެ.

ފީފާގެ އުސޫލު ބުނާ ގޮތުން ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ ގައުމަކުން ފުރުސަތު ދޫކޮށްލައިފިނަމަ، އެ ޖާގައަށް ޓީމެއް ހަމަޖެއްސުން އެއީ ފީފާ އަތްމަތީގައި އޮންނަ ކަމެއް ކަމަށެވެ.