އިރާނުން މަޝްވަރާތަކުގައި ބައިވެރިވުމާމެދު ގޮތެއް ނިންމަން ޓްރަމްޕް ގޮވާލައްވައިފިއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިޔަށްދާ އެމެރިކާއާއި އިރާނުގެ މަޝްވަރާގެ ދެވަނަ ބުރެއް ފަށަން ތައްޔާރުވެފައިވާއިރު އެ މަޝްވަރާގައި ބައިވެރިވުމާމެދު އިރާނުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރް ވިދާޅުވެފައިވާގޮތުގައި، އެގައުމުން މިހާރު މަޑުކުރަނީ ރަސްމީކޮށް އިރާނުން މަޝްވަރާތަކުގައި ބައިވެރިވުމާމެދު ގޮތެއް ނިންމަންދެނެވެ.

ދެވަނަ ބުރުގެ މަޝްވަރާތަކުގައި ބައިވެރިވުމާމެދު އިރާނުން މީގެ ކުރިީން ވަނީ އެ މަޝްވަރާއަކީ އެެމެރިކާގެ އަމިއްލަ އެޖެންޑާއެއްގެ މައްޗަށް ބާއްވާ މަޝްވަރާއެއް ކަމަށްބުނެ ބައިވެރި ނުވާނެ ކަމަށް ބުނެފައެވެ.

އެމެރިކާގެ ފަރާތުން މަޝްވަރާގައި ބައިވެރިވުމަށް އެގައުމުގެ ނައިބު ރައީސް ހިމެނޭހެން ވަފުދެއް ތައްޔާރުވެފައިވާއިރު ރައީސް ޓްރަމްްޕް ވަނީ މަޝްވަރާއަށް އެމެރިކާއިން ދާނީ އިރާނުން ބައިވެރިވުމާމެދު ގޮތެއް ނިންމުމުން ކަމަށް ވިދާޅުވެފައެވެ.