ސިޔާސީ އެއްވުންތަކުގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވާހަކަ ދެއްކުމާއި، މުޖުތަމައުގައި ނަފްރަތު އުފެދޭ ގޮތަށް އަމަލުތައް ބަހައްޓަމުންދާތީ އެކަންކަން ހުއްޓާލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސްކޮށްފިއެވެ.
އެޗްއާރްސީއެމްއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުންތަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންކަމުން، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ކަމާބެހޭ މުއައްސަސާތަކުން ގާނޫނީ ފިޔަވަޅު އެޅުމަށް އެޗްއާރްސީއެމުން ގޮވާލާފައިވެއެވެ.
ގާނޫނުއަސާސީން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވާ ގޮތަށް ބޭނުންކުރަންޖެހޭ ހައްގެއްކަމަށް އެޗްއާރްސީއެމުން ބުންޏެވެ. އަދި އެ ހައްގުގެ ބޭނުން ހިފުމުގައި އަނެކާގެ ހައްގުތަކަށް އިހުތިރާމްކުރުމަކީ ލާޒިމްކަމެއްކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
"ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި، ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ފާޅުކުރެވޭ ހިޔާލުތަކުގައިވެސް މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި، އަނިޔާވެރި އަމަލުތަކަށް ހިތްވަރު ދިނުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް،" އެޗްއާރްސީއެމުން ބުންޏެވެ.
ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް އިންތިޒާމްކުރުމުގައި އާންމު މަސްލަހަތު އިސްކުރުމަށާއި، ގާނޫނީ އިމުގެ ތެރެއިން ބާއްވާ ހަރަކާތްތަކަށް ސަލާމަތީ ބާރުތަކުން ފުރިހަމަ އެއްބާރުލުން ދޭންވާނެކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
މި މުޒާހަރާތަކަކީ އެމްޑީޕީއާއި ޕީއެންއެފް ގުޅިގެން ސަރުކާރާ ދެކޮޅަށް ބާއްވަމުންދާ ހަރަކާތްތަކެކެވެ. އެ އެއްވުންތަކުގެ ތެރެއިން ފުލުހުންނާއި އާންމުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ވަނީ ގެންގޮސްފައެވެ.
މުހައްމަދު އިޝާން
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް