ދ. މީދޫ މަސްދޯންޏެއްގައި މާޗް 2021 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ވަޅިން ހަމަލާދީ ބަންގްލަދޭޝްގެ މުހައްމަދު ޝާހީން މަރާލި މައްސަލައިގައި ދައުވާކުރި، އެ ގައުމުގެ މުހައްމަދު މަސްއޫދުގެ މައްޗަށް، ޝާހީން މަރައިލުމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މަސްއޫދުގެ މައްޗަށް ދައުލަތުން ކުރީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެފަސް ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ނ) އާއި (ރ) ގެ ދަށުން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ އެ ދައުވާއަށް މަސްއޫދު އިންކާރުކުރި ނަމަވެސް އެ ހަމަލާދިނުމުގެ ކުރިން އޭނާ އާއި ޝާހީންއާ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށާއި އޭގެ އިރުކޮޅެއްފަހުން ޝާހީން ހަޅޭއްލަވައިގަތް އަޑުއިވިގެން ބެލިއިރު އޭނާއަށް ވަޅިން ހަމަލާދީފައިވާ ކަމަށް ހެކިން ހެކިބަސް ދީފައިވާ ކަމަށެވެ. އަދި އެވަގުތު މަސްއޫދުގެ އަތުގައި ވަޅި އޮތްއިރު އެ ވަޅިން އޭނާގެ ޑީއެންއޭ ފެނިފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

މި މައްސަލައިއި އެ ހަމަލާއަކީ މަރައިލުމުގެ ނިޔަތުގައި ދިން ހަމަލާއެއް ނޫން ކަމަށާއި، ވަޅިއެއް ގެންގުޅެނިކޮށް ޝާހީން އޭގެ މައްޗަށް ވެއްޓިގެން ލިބުނު އަނިޔާއެއް ކަމަށް މަސްއޫދުގެ ފަރާތުން ބުނެފައި ވިޔަސް، އެކަމަށް ބުރަދަނެއް ނުދެވޭނެ ކަމަށްވެސް ހުކުމްގައިވެއެވެ.

ސަބަބެއް ކަމަށް ބުނެފައިވަނީ، އޭގެ ކުރިން ދެ މީހުން ދޯނީގައި ތިބެގެން ހަމަނުޖެހުން ހިންގާފައިވުމާއި ވަޅި ހެރުމުން ޝާހީނަށް އެހީވާން މަސްއޫދު މަސައްކަތް ނުކުރުމުގެ އިތުރުން އެ ހާދިސާއަކީ "އިންސިޑެންޓެއް" ކަމަށް ވުމުގެ ފުރުސަތު ކުޑަކަމަށް ސީން ރިކޮންސްޓްރަކްޝަން ރިޕޯޓްގައި ބަޔާން ކުރާތީ އެވެ.

އެހެންކަމުން ހުކުމުގައި ވަނީ ޝާހީނަށް މަސްއޫދު ވަޅިން ހަމަލާދިނީ މެރުމުގެ ގަސްދު އޮވެގެންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

ނަމަވެސް ޝާހީންގެ ވާރިސުން ބޭނުންވަނީ މަރުގެ ދިޔަ ކަމަށް އެ މީހުން ބުނާތީ، އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި 1.25 މިލިއަން ރުފިޔާ އެއް އަހަރު ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ހުކުމްކުރީ ކަމަށް ވެސް ހުކުމުގައިވެއެވެ.

މީގެ އިތުރުން ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަހިފުމަށް ވެސް ހުކުމުގައި މަސްއޫދަށް ނަސޭހަތްތެރިވެފައިވެއެވެ.

މަސްއޫދު އުމުރަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން ތަންފީޒު ކުރަން ޖެހޭނީ 19 އަހަރާއި 10 މަހުގެ ޖަލު ހުކުމެކެވެ.