އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި އާސެނަލް ބަލިކޮށް، ތަށީގެ ރޭހުގައި ބޮޑުތަނުން ފައިދާ ހޯދައިފިއެވެ.
ސިޓީން އާސެނަލް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ސިޓީން ވަނީ އާސެނަލާ އަރާ ހަމަކުރަން ފުރުސަތު ހޯދައިފައެވެ. މިވަގުތު އާސެނަލް އެއްވަނައިގައި އޮތީ 33 މެޗުން 70 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތް އިރު، އެޓީމަށް ވަނީ 32 މެޗުން 67 ޕޮއިންޓް ލިބިފައެވެ.
އަތުގައި އޮތް މެޗުން މޮޅުވެ، ސިޓީއަށް އާސެނަލާ ޕޮއިންޓުން ހަމަ ކުރުމަށް ފުރުސަތު އެބައޮތެވެ. އެކަން ވެގެންދާނީ އާސެނަލަށް އުނދަގޫ ހާލަތަކަށެވެ. އެޓީމަކީ މި ސީޒަނުގެ ބޮޑު ބައެއްގައި އެއްވަނަ ދަމަހައްޓަމުން އަންނަ ޓީމެވެ. އާސެނަލް ވަނީ މިހާތަނަށްވެސް 265 ވަރަކަށް ދުވަހު ތާވަލުގެ އެއްވަނައިގައި ހިފަހައްޓާލައިފައެވެ.
އެހެން ނަމަވެސް މިހާރު އޮތް ގޮތުން ފައިދާ ގޯލަށް ބަލާއިރުވެސް އާސެނަލަށް އެއްވަނަ ގެއްލޭނެ ފުރުސަތު އެބައޮތެވެ. އާސެނަލް އަތުގައި ފައިދާ 37 ގޯލް އޮތް އިރު. ސިޓީ އަތުގައި ފައިދާ 36 ގޯލް އެބައޮތެވެ.
މެޗު ވެގެން ދިޔައީ ފޯރިގަދަ މެޗަކަށެވެ. ފުރަތަމަ ހާފުގައިވެސް ތަފާތު ޑްރާމާ ފެނިގެން ގޮސްފައިވެއެވެ. ފުރަތަމަ ކޮޅުގައި ސިޓީން ނުރައްކާ ކުރި އިރު، ރަޔަން ޗެރްކީއާއި އާލިން ހާލަންޑްގެ ހަމަލާތައް ފެނުނެވެ. އެގޮތުން ޗެރްކީ ފޮނުވާލި ހަމަލާ އަމާޒުވީ ދަނޑިއަށެވެ.
ޗެރްކީ ފޯމު ރަނގަޅުކޮށް މެޗުގައި ފެނުނު އިރު، ސިޓީއަށް ލީޑު ނަގައިދިނީވެސް އޭނާއެވެ. 16 ވަނަ މިނެޓުގައި ޗެރްކީ ގޯލް ޖެހީ އޭރިއާ ތެރެއިންވެސް ދެ ކުޅުންތެރިއެއް ބީޓް ކޮށްލުމަށްފަހުއެވެ.
އެ ގޯލަށް ސިކުންތު ކޮޅެއްފަހުން އާސެނަލް އެއްވަރުކުރިއެވެ. ޖިއާންލުއީޖީ ޑޮނަރޫމާގެ ހަދިޔާއަކުންނެވެ. މަތެއަސް ނުނޭސް ފަހަތައް ޖައްސާލި ބޯޅަ ޑޮނަރޫމާ ސާފް ކޮށްލުމުން ގޯލަށް ވަނީ ކައި ހަވާޓްސް ގައިގައި ޖެހިފައެވެ.
އެ ހިސާބުން ހަމަހަމަ ކޮށް ފެނިފައިވާ އިރު، ދެވަނަ ހާފުގައި ސިޓީ މޮޅުކޮށްދިން ގޯލް ޖެހީ ހާލަންޑެވެ. އޭގެފަހުން އާސެނަލަށް ހުސް ފުރުސަތުތައް ލިބި ބޭކާރުވި އިރު، ހަވާޓްސްގެ ހަމަލާ މަތަކުރީ ޑޮނަރޫމާއެވެ.
އޭގެ އިތުރުން ގެބްރިއަލްގެ ހަމަލާ ދަނޑިއަށްވެސް އަމާޒުވިއެވެ.
މުޙައްމަދު ޝަމްޢޫން
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު