2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ނެރުއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވައިފިއެވެ.
"ބޮޑު ބަދަލު"ގެ ނަމުގައި ފައްޔާޒުއާއި ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބޮޑެތި ބަދަލުތަކެއްގެ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅުއްވައިފައެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ސަރުކާރު ހިންގާ ފަރާތަކީ ތަފާތު ދެ ބޭފުޅުން ކަމުގައި ކަނޑައެޅުމެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، "މި ބަދަލު، މި ބޮޑު ބަދަލު ގެނައުމުގައި އަޅުގަނޑު ތާއީދުކުރަން ފައްޔާޒު އިސްމާއިލް އެއީ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް،" ކަމަށެވެ.
އެބޭފުޅުންގެ ހުށަހެޅުމުގައިވާ ގޮތުން ސަރުކާރު ހިންގާ ފަރާތް ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. ނަޝީދާއި ފައްޔާޒު ހުށަހެޅުއްވި މި އިސްލާހުތަކުގައި ދައުލަތުގެ އެންމެ މަތީވެރިޔާ ނުވަތަ "ރައީސުލްޖުމްހޫރިއްޔާ" ހޮވާ ގޮތަށްވެސް ބަދަލުތަކެއް ވަނީ ހިމަނައިފައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓަކުން ނޫން ކަމަށާއި، އެ މަގާމަށް ބޭފުޅަކު އައްޔަންކުރާނީ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ ވޯޓުން ކަމަށް ވަނީ ހުށަހަޅައިފައެވެ. ނަމަވެސް، ދައުލަތުގެ އެންމެ މަތީވެރިޔާ މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ ސީދާ ވޯޓަކުންކަމަށް އެ ހުށަހެޅުމުގައިވެއެވެ.
އެ އިސްލާހުތައް ގެނައުމަށްޓަކައި އެމްޑީޕީގެ އެތެރޭގެ ތާއީދު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ދެ ބޭފުޅުންވެސް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެ ބަދަލުތައް ގެންނަން 2028 އާ ހަމައަށް މަޑުކުރަން ބޭނުން ނުވާ ކަމަށާއި، އަންނަ ހަފުތާގައިވެސް މި ބަދަލުތައް ގެންނަން ބޭނުންވާ ކަމަށެވެ. އަދި އެކަން ހާސިލްކުރުމަށް ސީދާ ހަރަކާތް ހިންގަން ޖެހިއްޖެ ނަމަ، އެކަންވެސް ކުރައްވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން
ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން
ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން