އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ޗެލްސީ ބަލިކުރި އިރު، ޓޮޓެންހަމްއަށް އަދިވެސް ރެލިގޭޝަނުން ސަލާމަތް ނުވެވި، މާޔޫސްވެއްޖެއެވެ.
ރޭ ޗެލްސީން އަމިއްލަ ދަނޑުގައި ޔުނައިޓެޑް ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އަދި ޓޮޓެންހަމްއިން 2-2 އިން ބްރައިޓަންއާ އެއްވަރުވެ، އެޓީމު އަދިވެސް އޮތީ 18 ވަނައިގައެވެ.
ޗެލްސީއަށްވެސް އެއީ އުނދަގޫ ބައްޔެކެވެ. އެޓީމުން ޗެމްޕިއަންސް ލީގު ޖާގައަކަށް ކުރަމުންދާ މަސައްކަތް އަނެއްކާވެސް ވަނީ އުނދަގޫވެގެން ގޮސްފައެވެ. މިވަގުތު ޗެލްސީން 33 މެޗުން 48 ޕޮއިންޓާއެކު ހަވަނައިގައި އޮތް އިރު، ޔުނައިޓެޑުން ވަނީ 33 މެޗުން 58 ޕޮއިންޓް ހޯދައިފައެވެ. އެޓީމު އޮތީ ތިންވަނައިގައެވެ.
ޗެލްސީގެ މަތިން ފަސްވަނައިގައި އޮތް ލިވަޕޫލުން 32 މެޗުން 52 ޕޮއިންޓް ހޯދާފއިވާ އިރު، އެއީ ޗެލްސީއަށް އޮތް ޗެލެންޖެކެވެ.
ޗެލްސީން ޖެހިޖެހިގެން ހަތަރު މެޗުން ލީގުގައި ބަލިވި މެޗުގައި ރަނގަޅަށް ފެށީ ޗެލްސީއެވެ. ރަނގަޅު ޓެމްޕޯއަކާއެކު ފެށި ޗެލްސީގެ އެންޒޯ ފެނާންޑޭޒްގެ ފަރާތުން ނުރައްކާތެރި ހަމަލާއެއް ފެނިގެން ދިޔަ އިރު، ކުޅުމުގެ އޮއެވަރާ ދެކޮޅަށް ލީޑު ނެގީ ޔުނައިޓެޑުންނެވެ.
މެޗުގެ 43 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ދުއްވާލި ބޯޅައިގައި ގޯލް ޖެހީ މަތެއަސް ކޫންޏާއެވެ.
އެ ގޯލާއެކު ދެވަނަ ހާފުގައި ޗެލްސީން އެއްވަރު ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެޓީމަށް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. ޖުމުލަ 15 ހަމަލާއެއް އުފެއްދި އިރު، ލިއަމް ޑެލަޕާއި ވެސްލޭ ފޮފާނާގެ ހަމަލާތައް ދަނޑިއަށްވެސް އަމާޒުވިއެވެ.
ރެލިގޭޝަނާ ހަނގުރާމަ ކުރަމުންދާ ޓޮޓެންހަމްއިން 33 މެޗުން 31 ޕޮއިންޓާއެކު 18 ވަނައިގައި އޮތް އިރު، ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލް ޖެހީ އެޓީމުންނެވެ. ޕެޑްރޯ ޕޯރޯގެ އެ ގޯލާއެކު ލީޑު ނެގި ނަމަވެސް، ކޯރޫ މިޓޯމާ ވަނީ ހާފު ނިމުމުގެ ކުރިން އެއްވަރު ކޮށްފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ޒަވީ ސިމޮންސް އަލުން ލީޑު ނެގި އިރު، ޖޯޖީނިއޯ ރަޓާ ވަނީ މެޗު ނިމިނިމި އޮއްވާ ބްރައިޓަން އެއްވަރުކުރިއެވެ.
މުޙައްމަދު ޝަމްޢޫން
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު