އާޖެންޓީނާގެ ތަރި، އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ލިއޮނަލް މެސީ، ސްޕެއިންގެ ކަޓަލޫނިއާއަށް ނިސްބަތްވާ ފަސްވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށް ޔޫއީ ކޯނެލާ ގަނެފިއެވެ.

އާޖެންޓީނާއާއެކު ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައިވާ، ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ މެސީ މިހާރު އެމެރިކާ ލީގުގެ އިންޓަ މިއާމީއަށް ކުޅެމުންދާ ނަމަވެސް، އޭނާގެ ލެގަސީ ބޮޑަށް ކުރިއެރީ ބާސެލޯނާގައެވެ. އެއީ ކަޓަލޫނިއާއަށް ނިސްބަތްވާ އެންމެ ބޮޑު ކްލަބެވެ. އެ ކްލަބަކުގައި މެސީ ވަނީ 21 އަހަރު ހޭދަކޮށްފައެވެ.

ބާސާގެ ޒުވާން ޓީމުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް މެސީ އެ ކްލަބުގައި ހޭދަކޮށްފައިވާ އިރު، އޭނާ އާއިލީ ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅެފައި ވަނީވެސް ސްޕެއިންގައެވެ.

މެސީ 100 ޕަސެންޓް ހިއްސާ ގަނެފައިވާ ކޯނެލާއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ޑީލުން ދައްކައިދެނީ ލޯކަލް ކުޅުންތެރިން ކުރިއެރުވުމަށާއި، ލޯކަލް ކްލަބުތައް ކުރިއެރުމަށް މެސީ ކުރަމުންދާ މަސައްކަތް ކަމަށެވެ. އަދި އެ ކްލަބަކީ މެސީގެ ކެރިއަރުގެ ބޮޑު ބަޔަކާ ގުޅިފައިވާ ކްލަބެއް ކަމަށާއި، މެސީއަށް އެއީ ހާއްސަ އިންވެސްޓްމަންޓެއް ކަމަށް އެ ކްލަބުން ބުނެފައިވެއެވެ.

ބާސާގައި މެސީ ކުޅެމުންދިޔަ އިރު، އެޓީމުން ވަނީ އަމިއްލަ ދަނޑުގައި ކޯނެލާއާ ދެކޮޅަށް ކުޅެފައެވެ. އެއީ ކޮޕާ ޑެލް ރޭގައެވެ. އެހެން ނަމަވެސް، ރަތް ކާޑެއްގެ ސަބަބުން މެސީއަށް އެމެޗު ގެއްލުނީއެވެ.