އިނގިރޭސި ދެވަނަ ޑިވިޝަނުގައި ކުޅެމުންދާ ކޮވެންޓްރީ ސިޓީ، 25 އަހަރު ފަހުން އަލުން އަނބުރާ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވެއްޖެއެވެ.

ޗެލްސީ ލެޖެންޑް ފްރޭންކް ލެމްޕާޑުގެ ކޯޗުކަމުގައި ކުޅެމުންދާ ކޮވެންޓްރީން ޕްރިމިއާ ލީގު ޖާގައެއް ޔަގީންކުރީ ރޭ ބްލެކްބާން ކައިރިން 1-1 އިން އެއްވަރުވުމުންނެވެ. ދެވަނަ ޑިވިޝަނުގެ އެއްވަނަ އަދި ދެވަނަ ޓީމަށް ޕްރިމިއާ ލީގުގެ ސީދާ ޖާގައެއް ލިބިގެންދާ އިރު، ކޮވެންޓްރީ އެއްވަނައިގައި އޮތީ 43 މެޗުން 86 ޕޮއިންޓާއެކެގައެވެ.

ދެވަނައިގައި އިޕްސްވިޗް ޓައުން، 41 މެޗުން 75 ޕޮއިންޓާއެކު އޮތް އިރު، ދެވަނަ ޑިވިޝަނުގެ ތަށި ޔަގީންކުރުމަށްވެސް ކޮވެންޓްރީއަށް ބޮޑު ފުރުސަތެއް އެބައޮތެވެ.

ރޭ ކުޅުނު މެޗުގެ ދެވަނަ ހާފުގައި ޔޯޔާ މޮރިޝީތާ ބްލެކްބާންއަށް ލީޑު ނަގައިދިން ނަމަވެސް، 85 ވަނަ މިނެޓުގައި ބޮބީ ތޯމަސް ވަނީ ގޯލް ޖަހައި މެޗު އެއްވަރު ކޮށްދީފައެވެ. އެ ގޯލާއެކު އެއްވަރު ވެގެން މެޗު ނިމުމާއެކު ކޯޗު ލެމްޕާޑާއެކު ހުރިހާ ކުޅުންތެރިން ދަނޑަށް އަރައި އުފާފާޅުކުރުއެވެ.

ރޭ ވެގެންދިޔައީ 1987 ވަނަ އަހަރު އެފްއޭ ކަޕް ހޯދި ތާރީހީ ކާމިޔާބީއަށްފަހު، ކޮވެންޓްރީގެ ތާރީހުގައި އެންމެ މުހިއްމު ރެއަށެވެ.

ކޮވެންޓްރީ އަނބުރާ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ 9،113 ދުވަސް ފަހުންނެވެ. އެޓީމު 2001 ވަނަ އަހަރު ރެލިގޭޓްވި ގޮތަށް، 11 އަހަރު ދެވަނަ ޑިވިޝަނުގައިވެސް ހޭދަކުރިއެވެ. އަދި އޭގެފަހުން ތިންވަނަ ޑިވިޝަނަށްވެސް ވެއްޓި، 2013 ވަނަ އަހަރު ބަނގުރޫޓްވެސް ވިއެވެ.

އެ ދަތިކަމާއެކު 59 އަހަރުފަހުން ހަތަރު ވަނަ ޑިވިޝަނަށްވެސް ވެއްޓި، އޭރު ތިބި ވެރިންނާ ދެކޮޅަށް ސަޕޯޓަރުން ވަނީ ދަނޑު މައްޗަށް އަރާވެސް އަޑު އުފުލައިފައެވެ. އެ ޕްރެޝަރާއެކު ޑޯ ކިންގް ކްލަބު ވިއްކާލީ 2023 ވަނަ އަހަރުއެވެ. އެއީ 13 އަހަރު ކްލަބު ގެންގުޅެފައެވެ.

ކޮވެންޓްރީގެ ހާލަތު ބަދަލުވީ އެހިސާބުންނެވެ.