އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި ބްރެންޓްފޯޑު ކައިރިން ބަލިވި އިރު، ލިވަޕޫލުން ފަހަތުން އަރައި ވެސްޓް ހަމް ބަލިކޮށްފިއެވެ.
ޗެލްސީ ރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑު ކައިރިން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މި ސީޒަނުގައި ދެވަނަ ފަހަރަށް ކޯޗު ބަދަލުކޮށްފައިވާ ޗެލްސީން އެންމެފަހުން ލީގުގައި ކުޅުނު ހަމެޗުންވެސް މޮޅުވެފައި ނުވާ އިރު، މިއީ ވަގުތީ ކޯޗު ފްރޭން ލަމްޕާޑުގެ ކޯޗުކަމުގައި އެޓީމު ކުރިމަތިލާން ޖެހުނު ފަސްވަނަ ބައްޔެވެ. އެއީ ލީގުގައި ކުރިމަތިވި ތިން ބަލީގެ އިތުރުން ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ދެލެގުގައި ރެއާލް މެޑްރިޑް އަތުންވި ދެ ބައްޔާއެކުގައެވެ.
ޗެލްސީން ސީޒަނުގައި އުނދަގޫތަކާ ކުރިމަތިލަމުންދާ އިރު، ރޭގެ ނަތީޖާއާއެކު އެޓީމަށް ވަނީ ބޮޑު ލަދަކާ ކުރިމަތިލާން ޖެހިފައެވެ. މިވަގުތު ޗެލްސީން އިނގިރޭސި ލީގު ތާވަލުގެ 11 ވަނައިގައި އޮތީ 10 ވަނައިގައި އޮތް ފުލްހަމްއަށްވުރެ ހަ ޕޮއިންޓް ފަހަތުގައެވެ. އަދި ނުވަ ވަނައިގައި ހަމަޖެހިލި ބްރެންޓްފޯޑަށްވުރެ އަށް ޕޮއިންޓް ފަހަތުގައެވެ. މިއީ ފަހުގެ ތާރީހެއްގައި ޗެލްސީއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާތަކެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ސެޒާ އަޒްޕިލިކުއެޓާ އަތުން ބައިކޮޅަށް ވަން ގޯލަކާއެކު ބްރެންޓްފޯޑުން ލީޑު ނެގި އިރު، އެޓީމުން ހާފު ނިންމާލީ އިތުރު ހަމަލާއެއް ޗެލްސީ ގޯލަށް އަމާޒުކޮށް ފޮނުވައި ނުލައެވެ. ޗެލްސީއަށްވެސް ފުރަތަމަ ހާފުގައި އެންމެ އެކަށީގެންވާ ހަމަލާއެއް ތަނަވަސްކުރެވިފައި ނުވާ އިރު، ފުރަތަމަ ހާފު ނިމުމާއެކު ހޯމް ސަޕޯޓަރުން ވަނީ ޓީމަށް "ބޫ" ކޮށްފައެވެ.
ދެވަނަ ހާފަށް ނުކުމެވެސް ޗެލްސީން އެއްވަރު ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ އިރު، ފޯވަޑް ޕިއޭ-އެމެރިކް އަބަމަޔާން އަށް ލިބުނު ފުރުސަތުގައި އޭނާގެ ފައިގައި ރަނގަޅަށް ބޯޅަ ލައްވައިލާ ގޮތެއް ނުވިއެވެ.
ފުރުސަތު ގެއްލުވާލި ޗެލްސީ ކޮޅަށް ބްރެންޓްފޯޑުން ދެވަނަ ގޯލެއް ޖެހީ 78 ވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީ ބްރަޔަން އެމްބޭމޯއެވެ.
ލިވަޕޫލުން ރޭ ރަށުން ބޭރުގައި ވެސްޓް ހަމް ބަލިކުރީ ފަހަތުން އަރައި، 2-1 ގެ ނަތީޖާއަކުންނެވެ. މެޗުން ހޯދި މޮޅާއެކު އެޓީމުން ގަދަ ހަތަރަކަށް ކުރަމުންދާ އުންމީދަށް އަނެއްކާވެސް ވަނީ ހިތްވަރެއް ލިބިފައެވެ. 32 މެޗުން 53 ޕޮއިންޓް ހޯދައި ލިވަޕޫލް މިވަގުތު ތާވަލުގެ ހަވަނައިގައި އޮތް އިރު، ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 30 މެޗުން ވަނީ 59 ޕޮއިންޓް ލިބިފައެވެ. ލިވަޕޫލުގެ ކުރިއަށް ފަސްވަނައިގައި އޮތް އެސްޓޮން ވިލާއަށް 33 މެޗުން 54 ޕޮއިންޓް ލިބިފައިވާ އިރު، ލިވަޕޫލަށް ކުރިއަށް ޖެހިލަން ފަހި ފުރުސަތެއް އެބައޮތެވެ.
ރޭގެ މެޗުގެ 12 ވަނަ މިނެޓުގައި މިޝޭލް އެންޓޯނިއޯ އާއެކު ވަން ޓޫ ޕާހެއް ޖަހައި ވެސްޓް ހަމްއަށް ލީޑު ނަގައިދިނީ ބްރެޒިލް މިޑްފީލްޑަރު ލޫކަސް ޕަކޭޓާއެވެ. އެ ގޯލާއެކު ވެސްޓް ހަމް ލީޑު ނެގި ނަމަވެސް، އެޓީމަށް ލީޑު ހިފަހައްޓާލެވުނީ ހަ މިނެޓް ވަންދެންނެވެ.
ލިވަޕޫލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ކޯޑީ ގަކްޕޯއެވެ. އަދި ދެވަނަ ހާފަށް ނުކުމެ، 67 ވަނަ މިނެޓުގައި ލިވަޕޫލުން މޮޅު ޔަގީންވެސް ކުރިއެވެ. އެ ގޯލަކީ އެންޑީ ރޮބަޓްސަންގެ ކޯނަރެއްގައި ޖޯލް މަޓިޕް ޖެހި ގޯލެކެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު