ހޮރުމުޒް ކަނޑުއޮޅީގެ އަނގަމައްޗާއި ގާތުން ގަލްފު އޮފް އޮމާނުގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑަށް ނިސްބަތްވާ ވަރަށް ބޮޑު އަރުމާދެއް އެބައޮތެވެ. މި އަރުމާދުގައި މަނަވަރުތަކާއި ސަބްމެރިން ހިމެނޭހެން ފަނަރަވަރަކަށް އުޅަނދުވެއެވެ. އެމެރިކާގެ ރައީސް ޓްރަމްޕު ބުނާގޮތުން މި އަރުމާދުން މިހާރު ކުރާކަމަކީ އީރާނު ބްލޮކޭޭޑް ކުރުމެވެ. ހިސާރު ކުރުމެވެ. އީރާނުގެ ބަނދަރުތަކަށް ވަންނަންދާ އުޅަނދުތަކާއި މިދެންނެވި ބަނދަރުތަކުން ނުކުންނަ އެންމެހައި އުޅަނދުތައް ހުއްޓުވުމެވެ. އަދި ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރަން ދިމާކުރާ އީރާނުގެ ކޮންމެ އުޅަނދަކަށް ހަމަލަދީ ނައްތައިލުމެވެ. ވެނެޒުއެލާގެ ކައިރީގައި ދާދިފަހުން އެމެރިކާއިން ހިންގި ހަރަކާތުގައި ޑްރަގު ބޯޓުތައް ފައްތައިލި ބީދައިން އީރާނުގެ ކޮންމެ ބޯޓެއް ކަނޑުގެ އަޑިޔަށް ފޮނުވައިލާނެ ކަމަށްވެސް ޓްރަމްޕު ބުނެއެވެ. މި ބްލޮކޭޑް އީރާނުގެ މުޅި އައްސޭރީގެ އެއްކޮޅުން އަނެއްކޮޅަށް ދަމަހައްޓަމުން އަންނަ ކަމަށްވެސް ބުނެއެވެ.

ޓްރަމްޕު ބުނަނީ މި ހަފުތާގެ ހޯމަދުވަހުން ފެށިގެން މި ބްލޮކޭޑް ދަމަހައްޓަމުން އަންނަކަމުގައެވެ. ކަނޑުގެ މަގުން އީރާނަށް އެތެރެކުރާ އެންމެހައި މުދަލާއި ބޭރުކުރާ އެންމެހައި މުދަލުގެ ޝިޕްމަންޓުތައް މިހާރު މުޅިން ހުއްޓުވާފައިވާ ކަމަށްވެސް ދައުވާކުރެއެވެ. އޭނާ އެބުނަނީ ތެދެއް ބާވައެވެ. މިކަމަކީ ވަރަށް ފަސޭހައިން ބެލެންވެސް އޮތްކަމެކެވެ. ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ތަފާސްހިސާބުތައް ބަލައިގެންނެވެ. އީރާނުން އެންމެ ގިނައިން ބޭރުކުރާ މުދަލަކީ ތެލެވެ. އީރާނުގެ ތެޔޮ އެންމެ ގިނައިން އެކްސްޕޯޓްކުރަނީ ޗައިނާއަށެވެ. އަދި އީރާނަށް ބޭނުންވާ އެންމެ ގިނަ މުދާ އިމްޕޯޓްކުރަނީވެސް ޗައިނާއިންނެވެ. މިތަކެތި އުފުލަނީ މައިގަނޑު ގޮތެއްގައި ޗައިނާގެ އާގުބޯޓުފަހަރުގައެވެ. ޗައިނާގެ ތެޔޮ ޓޭންކަރު ތަކުގައެވެ. އެމެރިކާއިން އެބުނާ ބްލޮކޭޑް ގާއިމުކުރިފަހުން ޗައިނާގެ ކިތަންމެ އުޅަނދެއް ހޮރުމުޒް ކަނޑުއޮޅި ހުރަސްކޮށްފިއެވެ. އީރާނުގެ ބަނދަރުތަކުންނެވެ. އެއިން އެންމެ އުޅަނދެއްވެސް އެމެރިކާއަކުން ނުހުއްޓުވައެވެ.

ޗައިނާގެ އުޅަނދުތައް އެކަންޏެއް ނޫނެވެ. އެހެން ގައުމުތަކަށް ނިސްބަތްވާ އެތައް އާގުބޯޓަކާއި ޓޭންކަރުތައްވެސް ހޮރުމުޒް ކަނޑުއޮޅި ހުރަސްކޮށްފިއެވެ. ދަނީ ކުރަމުންނެވެ. އީރާނުގެ ބަނދަރުތަކުން ފުރި އުޅަނދުތަކާއި އެ ބަނދަރުތަކަށް ވަންނަ އުޅަނދުތަކެވެ. އީރާނުން ހުއްދަދީގެން އީރާނުގެ އަސްކަރިއްޔާގެ ރައްކާތެރިކަމާއެކުގައެވެ. އެއިން ހަމަ އެންމެ އުޅަނދަކަށްވެސް އެމެރިކާއަކުން ހުރަހެއް ނާޅައެވެ. ހުރަސްއަޅަން މަސައްކަތެއްވެސް ނުކުރެއެވެ. އީރާނުގެ ނޭވީއަށް ނިސްބަތްވާ ސްޕީޑް ލޯންޗުތައް ކޯމަހުގެ މިސާލުގައި ހޮރުމުޒް ކަނޑުއޮޅީގައި ފުމެމުން އެބަދެއެވެ. އެއިން އެއްޗެއް ކަނޑުގެ އަޑިއަށް ފޮނުވައިލަންވެސް އެމެރިކާއިން ކުރާކަމެއް ނެތެވެ. އެމެރިކާގެ އަރުމާދު އޮތީވެސް އީރާނުގެ އައްްސޭރިޔާ ގާތްނުވެ ވަރަށް ދުރުގައެވެ. އެއިން މަނަވަރަކަށް ހޮރުމުޒް ކަނޑުއޮޅިޔާ ގާތްވާކަށްވެސް ނުކެރެއެވެ. މިކަން މިހެންއޮތްއިރު އީރާނު ބްލޮކޭޑް ކޮށްފީމޭ ދޫންޏަކަށްވެސް އީރާނާ ގާތެއް ނުވެވޭނެޔޭ އެބުނަނީ ކީއްވެގެންބާވައެވެ.

ފޮނިކެނޑުން ނޫން އެހެންކަމެއް ނެތެވެ. އެމެރިކާގެ އާރާއިބާރު އެބަހުރިކަން ދެއްކުމަށް އެނޫން އެހެން ގޮތެއްވެސް ނެތީއެވެ. އެންމެފަހުން ހޮރުމުޒް ކަނޑުއޮޅި ހުރަސްކޮށްފައި އެދިޔައީ ޗައިނާގެ ބިޔަ އާގުބޯޓެކެވެ. އާދައިގެ ބޯޓެއް ނޫނެވެ. ވަގުމުދާ އުފުލާކަމަށް ބުނެ އެމެރިކާއިން މާކުރީއްސުރެ ބްލެކްލިސްޓްކޮށްފައިވާ ބޯޓެކެވެ. އެ ބޯޓު ނުކުމެގެން އެދިޔައީ ތިމަންނާމެން މިއީ ކޮން ގައުމެއްގެ ބޯޓެއްކަމާއި ފަޅުވެރިންނަކީ ކޮންބައެއްކަންވެސް ބުނެ އަޑުގަދަކުރަމުން ތާޅަފިލި ފުމެމުން އަންގަމުންނެވެ. ވަގަކަށް ސިއްރަކަށް ނޫނެވެ. އެންމެންގެ ކުރިމަތީގައި ހަމަފާޅުގައެވެ. މާދުރުދުރުގައި ތިބެގެން ބެލުން ނޫން އެހެންކަމެއް އެމެރިކާގެ މަނަވަރުތަކުން ނުކުރެއެވެ. މިއިން ދޭހަވި އެއްޗަކީ ކަނޑުރަސްގެފާނު ކަމަށްވެސް ދައުވާކުރާ އެމެރިކާގެ ބާރެއް ދުނިޔޭގެ ކަނޑުތަކުގައިވެސް މިހާރު ނެތްކަމެވެ. އީރާނުގެ ބްލޮކޭޑޭ ކިޔައިގެން މިހާރު އެޖަހާ ސަކަރާތުންވެސް ބޭޒާރުވެ ފަޟީހަތްވުން ފިޔަވައި އެހެން ނަތީޖާއެއް ނުނެރެވޭ ކަމެވެ.

އެމެރިކާއިން ދެމުންދާ އިންޒާރުތަކާ އެއްގޮތަށް އަމަލު ނުކުރެވުމުގައި ސަބަބުތަކެއް އެބަހުއްޓެވެ. ޗައިނާޔާއި ރަޝިޔާގެ އާގުބޯޓަކާއި ކައިރިވާން ނުކެރުމަކީ އެއްސަބަބެވެ. ޗައިނާއިން ބުނެފައިވަނީ އީރާނާއެކު ގާއިމުކުރެވިފައިވާ އެއްބަސްވުންތަކެއް އެބަހުރިކަމަށާއި އެ އެއްބަސްވުންތަކުގެ ދަށުން އީރާނާއި ޗައިނާއާ ދެމެދު އާގުބޯޓުފަހަރު ދަތުރު ކުރާނޭ ކަމުގައެވެ. އެއިން އުޅަނދަކާ ދެކޮޅަށް ކަނޑުފޭރުމުގެ އެންމެ އަމަލެއް ހިންގިޔަސް ދުނިޔޭގެ އެއްވެސް ހިސާބެއްގައި އެމެރިކާގެ އާގުބޯޓަކަށް މަނަވަރަކަށް ރައްކާތެރިކަން ނޯންނާނެކަން ދަންނަން ޖެހޭނެ ކަމަށްވެސް ޗައިނާއިން ވަނީ ބުނެފައެވެ. އެހެންވީމާ ޗައިނާގެ އުޅަނދަކާ ގާތްވާން ނުކެރޭނެއެވެ. ރަޝިޔާގެ އުޅަނދުތައްވެސް ހަމައެފަދައެވެ. އީރާނުގެ ހުއްދަ ލިބިގެން ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތައް ދަތުރުކުރަން އީރާނުން އެދެނީ އަދި އަންގަނީ އީރާނުގެ ކަނޑުގެ ސަރަހައްދުގެ ތެރެއިންނެވެ. އެހިސާބަށް ފާރަވެރިވެ އެއިން އުޅަނދުތަކާ ފޮށިއުޅެން އެމެރިކާއަކަަށް ނުކެެރެއެވެ.

އީރާނުގެ އައްސޭރިޔާ ގާތްވެއްޖެ ކޮންމެ މަނަވަރަކަށް ހަމަލަދޭނެ ކަމުގެ ބިރުވެރިކަން އޮތުމުން އެމެރިކާގެ މަނަވަރުތައް ތިބެނީ މާދުރުގައެވެ. މި ސަބަބުތައް މިހެންހުރީމާ އީރާނު ބްލޮކޭޑް ކުރުމަކީ ހަގީގަތުގައި ކުރެވެންއޮތް ކަމެއްވެސް ނޫނެވެ. ދެންއޮތީ އަދިއެއަށްވުރެވެސް މުހިންމު ސަބަބެކެވެ. ހަނގުރާމަ އެއޮތީ މެދުކެނޑިފައެވެ. އެ ހަނގުރާމަ އަލުން ފަށަން ހަގީގަތުގައިވެސް އެމެރިކާއަކުން ބޭނުމެއް ނުވެއެވެ. އީރާނުގެ އަސްކަރިއްޔާގެ އުޅަނދަކަސް، މަދަނީ އުޅަނދަކަސް އެމެރިކާގެ ހަމަލައެއް އަމާޒުވާތަނުން އީރާނުން ރައްދު ހަމަލަދީ ހަނގުރާމަ އަލުން ފަށާނެއެވެ. އެކަން ކަށަވަރެވެ. އެހެންވީމާ އީރާނުގެ ބްލޮކޭޑަކީ ހަގީގަތެއް ނޫނެވެ. އެއީ ހުވަފެނެކެވެ. ދެގައުމުން މިހާރު އެތައްޔާރުވަނީ މަޝްވަރާތަކުގެ އައު ބުރަކަށެވެ. އެ މަޝްވަރާތަކުން އެއްބަސްވުމެއް ފައިދާވުމާ ހަމަޔަށް އެމެރިކާގެ ބަސްމަގު ހުންނާނެކަމަށް ލަފާކުރެވެނީ މިފަދައިންނެވެ. ކަންކަން ކުރާނަމޭ ބުނާނެއެވެ. އެކަމަކު ނުކުރެވޭނެއެވެ.