ލިވަޕޫލުން ރޭ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި އަނިޔާވި ފްރާންސް ފޯވަޑް ހޫގޯ އެކިޓީކޭއަށް ވޯލްޑް ކަޕް ގެއްލޭނެ ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.

ފްރާންސްގެ އެންމެ އިތުބާރު ނޫސްތައް ކަމަށްވާ ލެ ޕަރީޝިއަންއާއި ލެކީޕުންވެސް ވަނީ އެކިޓީކޭއަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަމަށް ރިޕޯޓު ކޮށްފައެވެ. އުމުރުން 23 އަހަރުގެ އެކިޓީކޭ ރޭ ދަނޑުން ބާލަން ޖެހުނީ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.

ފްރާންސްގެ ނޫސްތަކުން ބުނީ އެކިޓީކޭގެ ކަކުލުގެ އެޗިލީސް ޓެންޑަން އިރައިގެން ގޮސްފައިވާ ކަމަށާއި، ބޮޑަށް ބެލެވޭ ގޮތުގައި ސާޖަރީއަކަށް ދާން މަޖުބޫރު ކަމަށެވެ.

ފްރާންސުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި ސެނެގާލާ ދެކޮޅަށް ނުކުންނާނީ ޖޫން 17 ވަނަ ދުވަހުއެވެ.

އެކިޓީކޭގެ އަނިޔާއާ ގުޅިގެން ފްރާންސް ފުޓުބޯޅަ އިދާރާގެ އިތުރުން ލިވަޕޫލުންވެސް އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. އެކިޓީކޭ މި ސީޒަނުގައި ލިވަޕޫލަށް 17 ގޯލް ޖަހައިދީފައިވާ އިރު، ފްރާންސުން އެންމެފަހުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައިވެސް މުހިއްމު ރޯލެއް އަދާކޮށްފައިވެއެވެ.

ލިވަޕޫލުން ރޭ ކުޅުނު ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި 2-0 އިން ޕީއެސްޖީ ކައިރިން ބަލިވި އިރު، އެޓީމުން ކެޓީ އެގްރިގޭޓް 4-0 ގެ ނަތީޖާއަކުން ބަލިވެގެންނެވެ.