ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލިވަޑައިގަތް މުހައްމަދު ސިނާން، އެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރެއްވުމަށްޓަކައި ޕީއެންސީގެ ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވާނެކަމަަށް ވިދާޅުވެއްޖެއެވެ.

ސިނާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ ކުރިއަށް އޮތް ބައި-އިލެކްޝަން ކާމިޔާބު ކުރުމަށްޓަކައި ޕީއެންސީގެ މެންބަރުންގެ ފުރިހަމަ ތާއީދާއި އިހުލާސްތެރި އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.

ސިނާންގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމް ކުރީ، އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، އެ ފައިސާ ދައްކާފައި ނުވާތީއެވެ. މި މައްސަލައަކީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދެއްކުމަށް 2024 އޮކްޓޫބަރު މަހު ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން، ގާލިބް ސަލީމް ނަމަކަށް ކިޔާ މީހަކު ހުށަހެޅި މައްސަލައެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، ގޮނޑިއެއް ހުސްވާތާ ފަސް ދުވަހުގެ ތެރޭގައި ބައި-އިލެކްޝަނަށް ހުޅުވާލަން ޖެހެއެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)ން މިހާރު ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އެ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މި އިންތިހާބުގައި ވާދަކުރައްވާނެކަން އިދިކޮޅު އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު(ސޯބެ) ވެސް ވަނީ އިއުލާން ކުރައްވާފައެވެ. މީގެ އިތުރުން ޕީއެންސީގެ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި މީގެ ކުރިންވެސް އިންތިހާބުތަކުގައި ވާދަކުރެއްވި އަހުމަދު ސައީދު (ނަޔާ) އާއި މުހައްމަދު އަލީ ހިމެނެއެވެ.

ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.