ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އިލެކްޝަން ކޮމިޝަނުން (އީސީ)އިން ހުޅުވާލައިފި އެވެ.

އީސީން ބުނީ ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން، މި އަަހަރުގެ ޖޫން 06 ވާ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

މި ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ، ރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-C/01 ގަޒިއްޔާއިން، ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ހުކުމްކޮށްފައިވާތީ، ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށެވެ.

މި ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް މިއަދުގެ 10:00 އިން ފެށިގެން، މިމަހުގެ 29 ވާ ބުދަ ދުވަހުގެ 15:00 ނިޔަލަށް ފޯމު ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެކަމަށް އީސީން ބުންޏެވެ. މި މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ކޮމިޝަންގެ [email protected] އީ-މެއިލް މެދުވެރިކޮށެވެ.

އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެއްވެސް ދަތިކަމެއް ދިމާވާނަމަ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އީސީއަށް ހާޒިރުވެ ފޯމު ހުށަހެޅޭނެ އިންތިޒާމްތައް ހަމަޖެހިފައިވާކަމަށް އީސީން ބުނެފައިވެއެވެ.

އީސީއަށް ހާޒިރުވެގެން ފޯމު ހުށަހަޅާނީ އެ ކޮމިޝަނުގެ މައި އިދާރާ (ޕޯޓް ކޮމްޕްލެކްސް، 5 ވަނަ ފަންގިފިލާ، ހިލާލީމަގު) އަށެވެ. އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ކޮމިޝަނަށް ހާޒިރުވެގެން ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 10:00 އިން 15:00 އަށެވެ. އަދި ހުކުރު ދުވަހު 14:00 އިން 16:00 އަށެވެ.

ކޮމިޝަނަށް ހާޒިރުވެ ފޯމު ހުށަހަޅަނީ ކެންޑިޑޭޓު ނޫން އެހެން ފަރާތެއްނަމަ، އެފަރާތެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަސްލު ގެންދަންޖެހެއެވެ.

އިންތިހާބަށް ކުރިމަތިލާ މީހާއާއި އިންތިހާބަށް ކުރިމަތިލާ މީހާގެ ރަސްމީ އިންތިހާބީ އޭޖެންޓްކަމަށް ހުށަހަޅާ މީހާގެ މި މަހުގެ 14 އިން ފެށިގެން ފަހުގެ ތާރީހެއްގައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މުޅި އުމުރަށް ސާފުކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ފުރިހަމަކޮށްފައިވާ، ކުށުގެ ރެކޯޑު ސާފުކުރި ފޯމު އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އެއްވެސް ފައިސާއެއް ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމެއްކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ރިކޯޑު ހިމެނޭ ލިޔެކިޔުންތައް ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އީސީން ވަނީ އެދިފައެވެ.

އެގޮތުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކުށުގެ ރެކޯޑު، އެ އިދާރާގެ ޕޯޓަލް records.judiciary.gov.mv މެދުވެރިކޮށް ސާފުކުރެވޭނެއެވެ. އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ސާފުކުރަންޖެހޭ ރެކޯޑު https://www.mira.gov.mv/extended/TaxClearance މި ލިންކް މެދުވެރިކޮށް ލިބޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، މި އަހަރުގެ ޖޫން 06 ވާ ހޮނިހިރު ދުވަހުގެ 8:00 އިން ހަވީރު 4:00 އަށެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 08 ވާ ހޯމަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅާންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް އީސީން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.