ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން، އެ ދާއިރާގެ ބައި-އިލެކްޝަނަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ހުޅުވާލައިފިއެވެ.
އެ ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަން ނިންމީ، އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ޕީއެންސީއަށް ނިސްބަތްވާ މުހައްމަދު ސިނާންގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެންނެވެ. ސިނާންގެ ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، ކޯޓު ހުކުމާ އެއްގޮތަށް ދައްކާފައި ނުވާކަން ސާބިތުވުމުންނެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ އެ ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ގައި ބޭއްވުމަށެވެ. އަދި މާދަމާ ހެނދުނު ހެނދުނު 10:00 އިން ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ވެސް ވަނީ ނިންމައިފައެވެ.
ޕީއެންސީން މިރޭ ނެރުނު އިއުލާނެއްގައި ބުނީ އެ ޕާޓީގެ ޓިކެޓުގައި ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ޕާޓީގެ އާންމު މެންބަރުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ އިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ހުޅުވާލާ ކަމަށެވެ.
އެ ޕާޓީގެ ޓިކެޓުގައި ބައި-އިލެކްޝަންގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ސުންގަޑި ހަމަވާ އިރު، ޝަރުތުތައް ފުރިހަމަވާ އަދި ޕާޓީގެ އިންތިހާބުތަކާ ބެހޭ ޓެކްނިކަލް ކޮމިޓީން ބަލާ މިންގަނޑުތަކަށް ފެތޭ އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާ ނަމަ، ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއް ކަނޑައަޅާނީ އެ ފަރާތްތަކުގެ މެދުގައި ބޭއްވޭ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކުން ކަމަށް ޕީއެންސީން ބުންޏެވެ.
ޕީއެންސީން ބުނީ ޕްރައިމަރީގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ ޕާޓީގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް ކަމަށާއި އަދި ހުށަހަޅާ ހުށަހެޅުމާއެކު، އީސީއަށް ހުށަހަޅަން ޖެހޭ ކުށާއި ދަރަނީގެ ރެކޯޑު ފަދަ އެންމެހާ ލިޔެކިޔުންތައް އެކަމަށް އޮންނަ އިޖުރާއަތުތަކުގެ ތެރެއިން ހޯދާ ލިޔެކިޔުންތައް ވެސް ހުށަހަޅަންވާނެ ކަމަށެވެ.
އެ ދާއިރާގެ ބައި-އިލެކްޝަނަށް ބާއްވާ ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް