ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސްޓެލްކޯއިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ބައްދަލުކޮށްފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ބައެއް ޓަވަރުތަކަކުން ކަރަންޓު ދިނުމަށް ބޭނުންކުރާ މައި ކޭބަލަކަށް ލިބުނު ގެއްލުންތަކަކާ ގުޅިގެން، އިއްޔެ މެންދުރުފަހު 3:00 އިން ފެށިގެން ބައެއް ޓަވަރުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. މައްސަލަތައް ހައްލުކުރުމަށް ސްޓެލްކޯއިން ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު، އަނބުރާ ކަރަންޓު ދެވިފައިވަނީ ރޭގެ ވަގުތެއްގައެވެ.

ސްޓެލްކޯއިން އެކްސްގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެޗްޑީސީއާއެކު ބޭއްވި އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ނެޓްވޯކަށް މައްސަލައެއް ދިމާވާ ހާލަތްތަކުގައި ކަރަންޓު ކެނޑިފައި ހުންނަ ވަގުތު ވީހާވެސް ކުޑަކުރުމާ ގުޅޭގޮތުން ކަމަށެވެ.

ކަރަންޓު ކެނޑިފައި ހުންނަ ވަގުތު ކުޑަކުރުމުގެ ގޮތުން، ދެވަނަ ފިޔަވަހީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ 'ސްކާޑާ' ސިސްޓަމްގެ މަސައްކަތް އަވަސްކުރުމަށް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ. މީގެ އިތުރުން، ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރު އަޅާފައިވާ އިތުރު ކޭބަލްތައް އެނަޖައިޒްކޮށް، ވީހާވެސް އަވަހަކަށް ބޭނުންކުރަން ފެށޭނެ އިންތިޒާމުތައް އެޗްޑީސީގެ ފަރާތުން ހަމަޖެއްސުމަށްވެސް ވަނީ ވާހަކަދެކެވިފައެވެ.

13 އޭޕްރީލް 2026، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސްޓެލްކޯ އާއި އެޗްޑީސީއާ ދެމެދު މަޝްވަރާކުރުން -- ފޮޓޯ/ ސްޓެލްކޯ

ސްޓެލްކޯއިން ފާހަގަކުރާ ގޮތުގައި އެ ކޭބަލްތައް އެނަޖައިޒް ކުރެވިއްޖެނަމަ، މައި ކޭބަލަކަށް ގެއްލުންވެ ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހާލަތެއްގައި ކަރަންޓު އަނބުރާ ދިނުމަށް ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަކުރެވިގެންދާނެއެވެ. އެ ބައްދަލުވުމުގައި ވަނީ އިއްޔެ ކަރަންޓު ކެނޑެން މެދުވެރިވި މައި ކޭބަލް މަރާމާތުކުރުމުގެ މަސައްކަތް އަވަސްކުރުމަށްވެސް މަޝްވަރާކޮށްފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ އަދި ވިނަރެސް ފްލެޓްތައް ހިމެނޭހެން ގިނަ ޓަވަރުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ، އެ ސަރަހައްދަށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުމުގެ ސަބަބުންނެވެ. ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި އެ ކޭބަލަށް ގެއްލުންވެފައިވަނީ ބަޔަކު ކޮނުމުގެ މަސައްކަތެއް ކުރުމުގެ ތެރޭގައެވެ.

މައި ކޭބަލަށް ގެއްލުންވުމާ ގުޅިގެން، ބާކީ އޮތް ތިން ކޭބަލް މެދުވެރިކޮށް މުޅި ދެވަނަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދިނުމަކީ ލޯޑު ބޮޑުވުމުގެ ސަބަބުން ދަތިކަމަކަށްވިއެވެ. އެހެންނަމަވެސް، ސްޓެލްކޯގެ ޓެކްނިކަލް ޓީމުތަކުން ވަނީ ލޯޑު ބަހާލައިގެން، ކަރަންޓު ކެނޑުނު ހުރިހާ އިމާރާތްތަކަށް އަލުން ކަރަންޓު ދިނުމުގެ ބުރަ މަސައްކަތްކޮށްފައެވެ. ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށާއި، ކަރަންޓުގެ ހިދުމަތުގެ ޔަގީންކަން ކަށަވަރުކުރުމަށް ސްޓެލްކޯއާއި އެޗްޑީސީ ގުޅިގެން އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ.