މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ދެއްކެވި ވާހަކައިގައި ފާހަގަކުރެއްވި ތާރީހަކުން ފުޓްސަލްގެ ގައުމީ ހައިސިއްޔަތު ލިބުނު ތާރީހާ މެދު ސުވާލުތަކެއް އުފެދިއްޖެއެވެ.
ރާފިއު މިއަދުގެ ޕްރެސްގައި ފުޓްސަލްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ ފުޓްސަލަށް ރަސްމީ ހައިސިއްޔަތަކުން ޓީމެއް އެކުލަވާލެވި، ގައުމީ ޓީމެއްގެ ގޮތުގައި ވުޖޫދުވީ މިދިޔަ އަހަރުގެ ޑިސެމްބަރު ދެވަނަ ދުވަހު ކަމަށެވެ.
"ފުޓްސަލް ޓީމަށް ބަލާއިރު، އަޅުގަނޑު ދަންނަވާނީ ފުޓްސަލް ގައުމީ ޓީމު އެކުލަވާލާފައިވަނީ 2 ޑިސެމްބަރު 2025 ވަނަ އަހަރު. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ޓީމެއްގެ ގޮތުގައި ފުޓްސަލް އަޅުގަނޑުމެންނަށް ފުޓުބޯޅަ އެސޯސިއޭޝަނުން އެކުލަވާލައި، ގައުމީ ޓީމެއްގެ ހައިސިއްޔަތު ރަސްމީކޮށް ލިބިގެން ދިޔަ ފުރަތަމަ ފަހަރު ކަމަށް ފާހަގަކޮށްލަން. މި ޓީމު ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށްޓަކައި، ޗައިނާއަށް އަޅުގަނޑުމެން ވަނީ ޑިސެމްބަރު 30 ވަނަ ދުވަހު ފުރުވާލެވިފައި. އަދި ތައިލެންޑްގައި ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށްޓަކައި އެޓީމުން ވަނީ ޖެނުއަރީ 12 ގައި އެގައުމަށް ގޮސް، މުބާރާތް ކާމިޔާބުކޮށްފައި،" ރާފިއު ވިދާޅުވިއެވެ.
މިނިސްޓަރު އެހެން ވިދާޅުވެފައިވާ އިރު، ފުޓްސަލް ގައުމީ ޓީމަށް ބައެއް ގޮތްގޮތުން "ބާކީވުން" ތަކާ ކުރިމަތިވެފައިވާ ކަމަށް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ދާދިފަހުން ބުނެފައިވެއެވެ. އެގޮތުން ޕްރެކްޓިސް ކުރާނެ އިންޑޯއެއް ނުލިބުމާއި، ގައުމީ ޓީމުތަކަށް ދޭން އޮންނަ ޓީމުތަކަށް ދޭން އޮންނަ މުސާރަ އާއި އިންޝުއަރެންސް ނުލިބުންވެސް އިންމި ފާހަގަކުރިއެވެ. އަދި ސާފްގެ ތަށްޓަށް ދޭން ޖެހޭ ބޯނަސް ނުލިބި އޮތުންވެސް ފާހަގަކޮށްފައިވެއެވެ.
އެ ޝަކުވާތައް ހުރި އިރު، މިނިސްޓަރު މިއަދު ފާހަގަކުރެއްވީ ފުޓްސަލް ރަސްމީވީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ކަމަށެވެ. އެހެން ނަމަވެސް އޭގެ ކުރިންވެސް ރަސްމީކޮށް، އޭއެފްސީ ކޮލިފައިން މެޗުތަކަށްވެސް ރާއްޖޭގެ ފުޓްސަލް ޓީމު ގޮސް، ގައުމީ ޓީމުގެ ގޮތުގައި މެޗުތައް ކުޅެފައިވެއެވެ. އޭރުވެސް ދަތުރު ކޮށްފައިވަނީ އެފްއޭއެމް މެދުވެރިވެގެން ސަރުކާރުންވެސް އެހީތެރިވެގެންނެވެ.
މީގެ ކުރިން 2017 ވަނަ އަހަރު ތުރުކުމެނިސްތާންގައި އޮތް އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސްގައި ގައުމީ ފުޓްސަލް ޓީމު ކުޅެފައިވާ އިރު، 2022 ވަނަ އަހަރާއި 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު ގައުމީ ފުޓްސަލް ޓީމުން ވަނީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކޮށްފައެވެ.
އެފްއޭއެމްގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހަކާވެސް އެކު، ފީފާއިންވެސް ހަމަޖައްސާފައި އޮންނަ ގޮތަށް، ރާއްޖޭގެ ފުޓްސަލްއަކީ އެފްއޭއެމްގެ ސަބް އެސޯސިއޭޝަނެކެވެ. އެހެން ނަމަވެސް މިދިޔަ ގިނަ ދުވަސްތަކެއްގައި އެފްއޭއެމްއިން ފުޓްސަލްގެ ޒިންމާ އުފުލާފައި ނުވާ އިރު، މުބާރާތްތައްވެސް ބާއްވާފައެއް ނުވެއެވެ.
އެހެން ނަމަވެސް، ފަހުގެ އެކްސްކޯއާއެކު ފުޓްސަލަށް ހާއްސަކަމެއް ދޭން އިއުލާނު ކޮށްފައިވެއެވެ. އެގޮތުން ފުޓްސަލްގެ ގައުމީ ފެންވަރު މުބާރާތްތަކެއް ބާއްވަން އެފްއޭއެމުން ތާވަލުކޮށްފައިވާ އިރު، މިއީ އެފްއޭއެމްގެ އާ އިސް ނެގުމެކެވެ.
އެހެން އެކަންކަން ގޮސްފައި އޮތް ނަމަވެސް، ގައުމީ ޓީމުން ދަނީ މީގެ އަހަރުތަކެއް ކުރިން ފެށިގެންވެސް ފުޓްސަލްގައި ރާއްޖެ ތަމްސީލުކުރަމުންނެވެ. އަމިއްލަ ފަރާތްތަކުގެ މުބާރާތްތަކަކީ ފުޓްސަލްގެ ކުރިއެރުމަށް އެހީއަކަށްވެފައިވާ އިރު، ކުޅުންތެރިންގެ ޝަކުވާތައް ބޮޑުވެފައި ވަނީ ބޮޑު ކާމިޔާބީއަކާއެކުވެސް، ގައުމީ ޓީމެއްގެ ކުޅުންތެރިންގެ ހައިސިއްޔަތުން އެއްކިބާވެފައި އޮތުމުންނެވެ. އެ ކަންބޮޑުވުންތަކަށް މިނިސްޓަރު މިއަދު ދެއްކެވި ވާހަހަކަފުޅު އިތުރުވެސް ވެގެންދާނެއެވެ.
މިނިސްޓަރު ރާފިއު އެހެން ފާހަގަކުރެއްވުމަކީ މުސާރައިގެ މައްސަލަ ހައްލުކުރުމަށް އޮތް ހުރަހެއް ކަމަށް ބައެއް ކުޅުންތެރިން ދެކޭ އިރު، މީގެ ކުރިން މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، މުސާރަ ނުދެވި އޮތީ ކްރައިޓީރިއާގެ ސަބަބުން ކަމަށެވެ. އެއީ ފުޓްސަލް ގައުމީ ލީގެއް ނޫނީ މުބާރާތެއް ނުބޭއްވޭތީ ކަމަށް ފާހަގަވިއެވެ. އެ އުސޫލު މުރާޖައާކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިޔަސް، އަދި އެކަމަށް ހައްލެއް ނުލިބެއެވެ.
އެ ކާމިޔާބީއާއެކު، ސަރުކާރުން ވަނީ ފުޓްސަލް އެރީނާގެ މަސައްކަތް އަވަސް ކުރާނެކަން ފާހަގަކޮށްފައެވެ. މިއަދުގެ ޕްރެސްގައި މިނިސްޓަރު ވިދާޅުވީ މަސައްކަތް ހަވާލުކުރެވި، އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް