ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން، އެ ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ނިންމައިފިއެވެ.

އެ ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަން މި ނިންމީ، އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ޕީއެންސީއަށް ނިސްބަތްވާ މުހައްމަދު ސިނާންގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެންނެވެ. ސިނާންގެ ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، ކޯޓު ހުކުމާ އެއްގޮތަށް ދައްކާފައި ނުވާކަން ސާބިތުވުމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ރިޔާސަތު ބެލެހެއްޓެވި ބެންޗުން ކުރި ހުކުމުގައި ވަނީ، ފައިސާ ދައްކަން ދަށު ކޯޓުން ކުރި ހުކުމާ ސިނާން ހިލާފުވެފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮތް ކަމަށެވެ.

އީސީން މިރޭކުރި އިއުލާނެއްގައި ބުނީ މި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހެނދުނު 10:00 އިން ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ކެންޑިޑޭސީ ފޯމު ހުށަހަޅަންޖެހޭނީ [email protected] އީ-މެއިލް މެދުވެރިކޮށްކަމަށް އީސީން ބުންޏެވެ.

އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު ހުރިހާ ފައިލެއްގެ ސައިޒު 10 އެމްބީއަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށާއި، ފޯމު ހުށަހެޅުމަށް ދަތިވާ ނަމަ، ކޮމިޝަނަށް ހާޒިރުވެ ފޯމު ހުށަހެޅޭނެ ކަމަށްވެސް އީސީން ބުންޏެވެ.

އީސީން ބުނި ގޮތުގައި، ޖޫން މަހުގެ ހަވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ބައި- އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނެއެވެ.

އަދި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން އަށްވަނަ ދުވަހުކަމަށް އީސީން ބުންޏެވެ.

މި އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް ހާމަކުރައްވާފައިވަނީ އައްޑޫގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ހިތަދޫ ދާއިރާގެ ރައީސް އަބްދުﷲ ސޯދިގު (ސޯބެ) އާއި، އަހުމަދު ސައީދު (ނަޔާ) ގެ އިތުރުން މުހައްމަދު އަލީއެވެ.