ހުޅުމާލެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގައި މަގު ހެދުމާއި ގެއްލުން ލިބިފައި ހުރި މަގުތައް މަރާމާތުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރިއަށްގެންދާ އިރު، މިހާރު ކުރިއަށްގެންދަނީ ލިލީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކަމަށެވެ.

ހުޅުމާލެއަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި އެ ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތަހަމަޖެހޭ ތަނަކަށް ހެދުމަށް އެޗްޑީސީން ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދެއެވެ.

އޭގެ ތެރޭގައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި ހުޅުމާލޭގެ އެކި ނެއިބާހުޑްތަކުގެ ޕާކުތަކާއި ހިތްފަސޭހަ މައިޒާންތައް ތަރައްގީކުރުމުގެ އެކި މަރުހަލާތައް ކުރީޢާށްގެންގޮސްފައިވެއެވެ.

13 އެޕްރިލް 2026: ހުޅުމާލެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން --- ފޮޓޯ/ އެޗްޑީސީ

މީގެ ތެރޭގައި ސްޓެލްކޯ ފުލެޓް ސަރަހައްދުގައި ތަރައްގީ ކުރަމުންދާ ޕާކު ހުޅުވުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން، އެ ސަރަހައްދުގެ ޕޭވްމަންޓް ފާހަގަކޮށް ގާ އެޅުމުގެ މަސައްކަތް އިއްޔެ ކުރިޔަށްގެންގޮސްފައިވެއެވެ. އަދި ދުއްވާ ފަރާތްތަކަށް މަގުމަތީގެ ނިޝާންތައް ސާފުކޮށް ފެންނާނެހެން ސްޕީޑް ބްރޭކަރުތަކުގެ ކުލަ އާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އާންމުންނަށް ފަސޭހައިން ހިނގާ ބިނގާވެ އުޅެވޭނެހެން، ޕޭވްމަންޓް ހެދުމުގެ މަސައްކަތާއި އަދި ގަވާއިދާ ހިލާފަށް ވެހިކަލް ޕާކު ކުރުން ހުއްޓުވުމަށްޓަކައި، ޕޭވްމަންޓްތަކުގައި ބޮލާޑް ހަރުކުރުމުގެ މަސައްކަތްވެސް މިމަހުގެ އަށްވަނަ ދުވަހު އެޗްޑީސީން ވަނީ ކުރިއަށްގެންގޮސްފައެވެ.