އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރު ބުރުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކޮށް މޮނިޓާ ކުރުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ)އިން ހުޅުވާލައިފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރު ބުރުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކޮށް މޮނިޓާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު އީސީން ހުޅުވާލީ އިއްޔެ އެވެ.
އީސީން ބުނީ އެ ފުރުސަތު މި ހަފުތާގެ ބުރާސްފަތިދުވަހުގެ 15:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އިންތިހާބުގެ އިތުރު ބުރުގައި އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު އެ ކޮމިޝަނަށް ހުށަހަޅާނީ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026ގެ ފުރަތަމަ ބުރުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެ ކޮމިޝަނުން ފާސްދޫކޮށްފައިވާ ފަރާތްތަކުން، އެ އިންތިހާބުގެ އިތުރު ބުރުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ހުށަހަޅަން ނުޖެހޭނެކަމަށްވެސް އީސީން ބުުނެފައިވެއެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިޔަށްގެންދަނީ ފަސް ދާއިރާއެއްގައެވެ. މި ދާއިރާތަކުގައި ދެވަނަ ބުރުގެ ވޯޓުނެގުމަށް ނިންމާފައިވަނީ އެ ދާއިރާތަކަށް އިންތިހާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މީހުންނަށް އެއްވަރަކަށް ވޯޓު ލިބިފައިވާތީއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ އިންތިހާބުގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަގާމާއި ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަގާށް މެންބަރުން އިންތިހާބު ކުރުމަށެވެ.
އީސީން ބުނީ އިންތިހާބުގެ ދެވަނަ ބުރުގައި 14 ވޯޓު ފޮއްޓެއް ބަހައްޓާނެ ކަމަށެވެ. އެއީ ދެވަނަ ބުރަށް ދިޔަ ދާއިރާތަކާއި މާލޭގައެވެ. އެގޮތުން، ކެލާ އާއި މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި ދެ ފޮށި، ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި ފޮއްޓެއް ބަހައްޓަން އީސީން ވަނީ ނިންމާފައެވެ.
ފާތިމަތު ލިއުޝާ
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން