ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ ދާއިރާތަކަށް ރީ-ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހަމަވާނެެކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފި އެވެ.
ވޯޓުލާން ރަޖިސްޓަރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ހުޅުވާލާނެ ކަމަށް އީސީން އިއުލާނުކުރީ އިއްޔެ އެވެ.
ރީ-ރަޖިސްޓަރީވުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިއަދުގެ 10:00 އިން 16:00އަށެވެ. މިދެ އިންތިހާބުގެ އިތުރުބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ފަސް ރަށެއްގައެވެ. އެއީ ހއ. ކެލާ، ހދ. ނޭކުރެންދޫ، ބ. ދޮންފަން، ލ. މާވަށް، އަދި ފުވައްމުލައް ސިޓީގައެވެ.
މި އިންތިހާބުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ރަޖިސްޓަރީ ވެފައިވާނީ މާލެއަށް ކަމަށް އީސީން ބުންޏެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލެ، ހއ. ކެލާ، ހދ. ނޭކުރެންދޫ، ބ. ދޮންފަން، ލ. މާވަށް، ފުވައްމުލައް ސިޓީ، ފިޔަވައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ވާނީ އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައިކަމަށް އެ ކޮމިޝަނުން ބުންޏެވެ.
'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ފޮޓޯ ހުށަހަޅަން ޖެހޭނެއެވެ. 'މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުން. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެ." އީސީން ބުންޏެވެ.
އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، އެ ކޮމިޝަނުގެ މައި އިދާރާ ނުވަތަ އިންތިހާބާބެހޭ މަރުކަޒަށް ގޮސްގެން މައުލޫމާތު ސާފުކުރެއްވޭނެއެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާނަމަ، 1414އަށް ގުޅުމުންވެސް މައުލޫމާތު ސާފުކުރެއްވޭނެއެވެ.
"މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެ. މިހާރު ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ލިސްޓު މި ކޮމިޝަނުގެ ވެބްސައިޓުންނާއި ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކުރެވިފައިވާނެ." އީސީން ބުންޏެވެ.
އެސްއެމްއެސް މެދުވެރިކޮށް (VR space IDNO Send to 1414) ޗެކްކުރެވޭނެއެވެ. މީގެ އިތުރުން އީސީގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް (https://pprvr.elections.gov.mv/statuscheck/vr) މެދުވެރިކޮށްވެސް ޗެކް ކުރެވޭނެއެވެ.
ފާތިމަތު ލިއުޝާ
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން