ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާއެކު، ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނަށް ގެއްލުނު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމުގެ ޝައުގުވެރިކަން، އިދިކޮޅު އެމްޑީޕީގެ މެންބަރު، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ފާޅުކުރައްވައިފިއެވެ.

ސިނާނަށް މަޖިލިސް މެންބަރުކަން ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅީ، ސާބިތު ދަރަންޏެއް އޮވެ، ކޯޓުގެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާނުކުރި މައްސަލައިގައެވެ.

ސިނާނާއި އިތުރު ތިން މީހެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ދައްކަން ޖެހި، ނުދައްކައި އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވާ މައްސަލައިގައި، ދަރަނި ނުދައްކައިގެން ދަރަނި ނުދައްކާ މައްސަލައިގައި ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ގާލިބު ސަލީމެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ އެއްވަނަ ނަންބަރުގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ، އަދާކުރާން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކަށް ވެފައި، އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުގެންދާ ނަމަ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

ގާނޫނުއަސާސީގައި ބުނަނީ، މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލޭތާ 60 ދުވަސް ތެރޭގައި އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހޭނެކަމަށެވެ. އަދި ފަސް ދުވަސް ތެރޭ ބައި އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލަން ޖެހޭނެއެވެ.

އެ ގޮނޑިއަށް ޝައުގުވެރިވާކަން ހާމަކޮށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ޓިކެޓަށް ވާދަކުރައްވާނެކަން ސޯބެ ފާހަގަކުރައްވާފައިވާ އިރު، އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި އެކަން ހާމަކުރަމުންނެވެ.