ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި، ވެރިކަންކުރާ، ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންއަށް ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ދާދި ދެންމެ ހުކުމް ކޮށްފިއެވެ. މި ހުކުމް ކުރީ ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.

އެއީ ސިނާންގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް ދަރަނި ނުދައްކައި އޮތް މައްސަލައަކާ ގުޅިގެންނެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ އެއްވަނަ ނަންބަރުގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ، އަދާކުރާން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކަށް ވެފައި، އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުގެންދާ ނަމަ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

ސިނާން އާއި އިތުރު ތިން މީހެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ދައްކަން ޖެހި، ނުދައްކައި އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވާ މައްސަލައިގައި، ދަރަނި ނުދައްކައިގެން ދަރަނި ނުދައްކާ މައްސަލައިގައި ސިނާންގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، ގާލިބު ސަލީމެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު މައްސަލައިގެ ހުކުމް އިއްވަވަމުން މިއަދު ވިދާޅުވީ ލޯނުގެ ފައިސާ، ހަ މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ އަދަދު ދައްކަމުން ގޮސް ދައްކައި ނިންމުމަށް ދަށު ކޯޓުން ހުކުމްކޮށްފައި ވާއިރު، ހުކުމުގައި ބުނެފައިވާ ގޮތުގެ މަތީން ސިނާންގެ ފަރާތުން ފައިސާ ދައްކާފައި ނުވާ ކަމަށެވެ. އެ ފައިސާ ނުދެއްކި އޮތީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ސިނާންގެ ފަރާތުން ބުންޏަސް، އެކަން އޭނާއަށް ދުރާލައި އެންގިކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.

ހުކުމުގެ ދަށުން ފައިސާ ދެއްކުމަށް ހަ މަސް ދުވަހުގެ މުއްދަތު ދީފައިވާއިރު، ސިނާންގެ ފަރާތުން އެ ފައިސާ އެއްކޮށް ދެއްކީ ތިން ވަނަ މަހު ކަމަށްވާތީ ހުކުމުގެ މުއްދަތުގައި ފައިސާ ދައްކާފައިވާ ކަމަށް ސިނާންގެ ފަރާތުން ބުނެފައިވިޔަސް، ފަނޑިޔާރު ޝުޖޫން ވިދާޅުވީ ހުކުމް އޮތްގޮތުން ހަ މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ މިންވަރު ދައްކަމުން ދާން ޖެހޭއިރު، ފައިސާ ދައްކަން ވެސް ޖެހޭނީ އެގޮތަށް ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ އެ ފައިސާ ނުދެއްކި އޮތީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ސިނާންގެ ފަރާތުން ބުންޏަސް، އެކަން އޭނާއަށް ދުރާލައި އެންގިކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.

އެ ހުކުމް އިސްތިއުނާފު ކުރަން ނުވަތަ ބާތިލުކުރަން ސިނާންގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށާއި، އެ ހުކުމަކީ ގައިރު ހާޒިރުގައި ކުރި ހުކުމެއް ކަމަށްވާތީ އެއީ ނިހާއީ ހުކުމެއް ނޫން ކަމަށް ސިނާންގެ ފަރާތުން ބުނެފައި ވިޔަސް، އެ ބުނުމަށް ބުރަދަނެއް ނުދެވޭނެ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.

މީގެ އިތުރުން ލޯނުގެ ފައިސާ ހޯދަން އިސްލާމިކް ބޭންކުން ސ. ހިތަދޫ ކޯޓަށް ހުށަހެޅި މައްސަލައިގައި ސިނާންގެ ފަރާތުން ވަކީލަކު އައްޔަން ކޮށްފައި ވަނިކޮށް އެ މައްސަލައިގެ ދިފާއު ހުށަހެޅުމުގެ މުއްދަތު ހަމަވިފަހުން ސިނާންގެ ވަކީލް އެ މައްސަލައިން ތަނާޒުލް ވެފައިވާކަމަށްވެސް ވެސް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.

މައްސަލައިގައިވާ ކަންކަން ފާހަގަ ކުރައްވައި، ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުއަށް، ދެން ތިއްބެވި ހަތަރު ފަނޑިޔާރުން ކަމަށްވާ، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އާއި ފަނޑިޔާރު ހުސައިން ޝަހީދު އާއި ފަނޑިޔާރު މުހައްމަދު ސަލީމް ތާއީދު ކުރައްވައި ފަސްފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވީ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާކަން ސިނާންގެ މައްޗަށް ސާބިތުވާތީ މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާ ކަމަށެވެ.