މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ އިންތިހާބުގައި ދެވަނަ ބުރުގެ ވޯޓުލުން ބާއްވަނީ ފަސް ގޮނޑިއެއްގެ މެދުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ދެވަނަ ބުރުގެ ވޯޓު ލުމުގައި ހިމެނެނީ، ކައުންސިލް ދެ ގޮނޑިއާއި ޑަބްލިއުޑީސީގެ ތިން ގޮނޑި ކަމަށެވެ.

މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ވޯޓު ލުމުގައި އިންތިހާބު ކުރާންޖެހޭ މެންބަރުންގެ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައި ވާތީ ގަވާއިދުގައިވާ ގޮތުގެ މަތީން އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއެކެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ ޑަބްލިއުޑީސީގެ ރައީސްގެ މަގާމާއި ހދ. ނޭކުރެންދޫ އާއި ލ. މާވަށު ޑަބްލިއުޑީސީ މެންބަރުގެ މަގާމަށް މެންބަރުން އިންތިހާބު ކުރުމަށެވެ.